ޚަބަރު

މާފުށީ ޖަލުގައި ސްމާޓް ކްލާސްރޫމެއް ޤާއިމުކޮށް ޤައިދީން ތަމްރީންކުރަނީ


ޤައިދީންނަށް، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ސްމާޓް ކްލާސް ރޫމެއް މާފުށީ ޖަލުގައި ޤާއިމުކޮށްފިއެވެ. މިސްމާޓް ކްލާސްރޫމް އިފްތިތާޙްކޮށްދެއްވީ ނައިބުރައިސް ފައިސަލް ނަސީމެވެ.

މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް، ޚާއްސަ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ހޯމް މިނިސްޓްރީ ގުޅިގެން ޑިޖިޓަލް ސްމާޓް ކްލާސް ރޫމެއް ޤާއިމުކޮށްފިއެވެ. މާފުށީ ޖަލުގައިބޭއްވި ރަސްމިއްޔާތެއްގައި މިކްލާސްރޫމް އިފްތިތާޙްކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބުރައިސް ފައިޞަލް ނަސީމު ވިދާޅުވީ ކޮންމެ މީހަކީވެސް ތަޢުލީމު ޙައްގުވެގެންވާ މީހެއްކަމަށާ، ސަރުކާރުގެ އަމާޒަކީ ހުރިހާ އެންމެނަށް ފަހި ތަޢުލީމެއް ފޯރުކޮށްދިނުންކަމަށެވެ. ޤައިދީން އަލުން މުޖުތަމަޢަށް ނުކުންނައިރު އެމީހުންނަކީ މުޖުތަމަޢަށް ބޭނުންތެރިބަޔަކަށް ހެދުމަށްޓަކައި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި ނައިބުރައީސްވަނީ މިފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ކަރެކްޝަނަލް ސަރވިސްއަށް އިލްތިމާސްކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލަށް ލަނީ އަދަބު ދިނުމަށް ނޫންކަމަށާ، އެއީ އިސްލާޙުކުރަން ގެންދާތަނެއްގެ ގޮތުގައި ބަދަލުކުރަން ޖެހޭކަމަށެވެ. އެގޮތުން އެކަން އެންމެ ރަނގަޅަށް ކުރެވޭނީ ތަޢުލީމުގެ ތެރެއިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މާފުށީ ޖަލުގައި ޤާއިމުކުރި ސްމާޓް ކްލާސް ރޫމް މެދުވެރިކޮށް ގައިދީންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީން އެކި ދާއިރަތަކުން ފޯރުކޮށްދިނުމަށްޓަކައި އެކި ޔުނިވަރސިޓީތަކާއި ގުޅިގެން ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ މި ކްލާސް ރޫމްގެ ސަބަބުން އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ލިބުމުގައި ހުރި ގޮންޖެހުންތައް ޙައްލުވެގެންދާނެކަމަށެވެ.