މާލޭގެ ވަށަމަގާއި އެތެރެ މަގުތަކުގައި ގަސްއިންދައި ފެހިކުރުމުގެ މަސައްކަތް ފަށާނެކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ ރިންގް ރޯޑް ފެހިކުރުމަށް، ގަސް ޖެހުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވަމުންނެވެ.
މާލޭގެ ވަށަމަގު ފެހިކުރުމަށް ފެށި ޕްރޮގްރާމް ފަށްޓަވައިދެއްވީ އެންވާރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަނެވެ. މިރަސްމިއްޔާތު ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ މިހާތަނަށް މާލެއިން ފެންނަމުން އައިސްފައިވަނީ ކޮންކްރީޓް ޢިމާރާތްތަކާއި ދުއްވާ އުޅަނދުތައްކަމަށެވެ. ނަމަވެސް މިކަން ބަދަލުކޮށް، މާލެއަކީ ސާފު ވައިލިބޭ ފެހި ރަށުވަންތަކަން ދައްކައިދޭ ތަނަކަށް ހައްދަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހިނގާ މީހުންނަށް ހިޔާ ލިބޭގޮތަށް ގިނަ މަގުތައް ފެހިކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގައި ތިންހާހާ ގާތްކުރާ ޢަދަދަކަށް ގަސްއިންދުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެންވާރަމެންޓް މިނިސްޓްރީއިން ސިޓީ ކައުންސިލަށް ހަދިޔާކޮށްފައިވާ ގަސްތައް ރޯވެ އިންދުމަށް ތައްޔާރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މާލޭގައި ގަސް އިންދުމުގެ ޕްރޮގްރާމް ވަށަމަގުގައި ފެށި ނަމަވެސް، ވަރަށް އަވަހަށް މާލެތެރޭގެ އެތެރޭގެ މަގުތަކުގައިވެސް ގަސް އިންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
"މިކަންކުރުމަށް ބޭނުންވާ ރިސޯސަސް ވަރަށްމަދު. ފެންދޭނި ރަނގަޅު ނިޒާމެއްވެސް ނެތް. ކުރިއަށް އޮތްތާންގައި ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަސް އިތުރު އެހީތައް ސަރުކާރުން ދޭނަން." މިނިސްޓަރ ވިދާޅުވިއެވެ.
ޕްރޮގްރާމްފެށުމުގެ ގޮތުންވަނީ މާލޭ ޖަލާ ހަމައިން ފެށިގެން، ފަތާ ޓްރެކާ ހަމައަށް ގަސް އިންދާފައެވެ. މީގެތެރޭގައި ހިތިގަހާއި ބޮޑު ޖަވާހިރުފަދަ ހިޔާ ލިބޭ ގަސްތައް ހިމެނެއެވެ. އަދި މީގެއިތުރުން މާއަޅާ ގަސްތައްވެސް އިންދުމަށް ހަމަޖެހިފައިވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވެފައިވަނީ ގަސްތައް ރޯވަމުން އަންނަވަރަކަށް ރިންގް ރޯޑްގައި ގަސް އިންދަމުން ގެންދާނެކަމަށެވެ.
މާލެ ފެހިކުރުމުގެ މަސައްކަތް ނިމޭއިރު، މުޅި މާލެ ވަށައިގެން ގަސް އިންދާނެއެވެ. މުޅި ރާއްޖެއަކީ ފެހި ޖަޒީރާވަންތަ ތަނަކަށް ހެދުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ފަށްޓަވާފައިވާ މަސައްކަތެކެވެ. މިމަސައްކަތުގެ ދަށުން ރަށްތަށުގެ ކައުންސިލާ ގުޅިގެން، ފެހިކުރުމަށް ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.