ވިޔަފާރި

އެއަރޕޯޓްގެ ތަރައްގީގެ މަޝްރޫއުގެ ކޮންސަލްޓަންޓަކަށް ސުރްބާނާ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލަ އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތްތަށް ކުރިއަށްދާއިރު، ފަންނީ ލަފާދިނުމާ ބެހޭ އެއްބަސްވުމެއްގައި ސިންގަޕޫރުގެ ސުރްބާނާ އިންޓަރނޭޝަނަލް ކޮންސަލްޓިންގ އާއި އެކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން މިއަދު ސޮއިކޮށްފިއެވެ.ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި މިސޮއިކުރުމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާއެވެ. އަދި ސުރްބާނާ އިންޓަރނޭޝަނަލް ކޮންސަލްޓިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޕެންގް ޔީ އީންއެވެ.ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ،ފަންނީ ލަފާދޭ މިނިވަން ބައެއްގެ ގޮތުގައި ސުރްބާނާ އިންޓަނޭޝަނަލް ހިޔާރު ކުރީ އެކުންފުންޏަކީ އެފަދަ ލަފާދިނުމުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކޮށްލެވޭ ބަޔަކަށްވާތީކަމަށެވެ. އެގޮތުން ސުރްބާނާ ކޮންސެލްޓެންސީގެ ފަރާތުން ސިންގޫޕުގެ ޗާންގީ އެއާޕޯޓާއި މިޔަންމާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށްދާއިރު، ސުރްބާނާ އިންޓަނޭޝަނަލްއާއި އެކު ދިވެހިންވެސް މަސައްކަތްކުރަމުން ދާނެކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންނަށް އެކަމުގެ ތަޖުރިބާ ލިބި، މިދާއިރާގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބަޔަކު އުފެދިގެންދާނެކަމަށް އާދިލް ވިދާޅުވިއެވެ.ސުރްބާނާ އިންޓަރނޭޝަނަލްގެ ސީއީއޯ ޕެންގް ޔީ އިޔާން ވިދާޅުވީ އެ ކުންފުންޏަކީ އެފަދަ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ހުރި ކުންފުންޏެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ފުރިހައަށް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް ތިރީސް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އިންޓަނޭޝަނަލް އާ ޓާމިނަލް އާއި ކާގޯ ޓާމިނަލް އާއި ފިއުލް ހައިޑްރޭންޓް ސިސްޓަމާއި ފިއުލް ފާމްގެ މަސައްކަތަށް ފަންނީ ލަފާދޭނީ ސުެްބާނާ އިންޓަރނޭޝަނަލް ކޮންސަލްޓެންޓްސްއިންނެވެ.