ޚަބަރު

އަލިފާނުގެ ޙަދިސާގައި އެއްވެސް ޓާރފަކަށް ގެއްލުމެއް ނުލިބޭ - ޔޫތް މިނިސްޓްރީ


ރާއްޖޭގެ އެކި ރަށްރަށުގައި ޓަރފް ދަނޑުތައް ހެދުމަށްޓަކައި މާލޭގެ ޓްރެކް ސަރަޙައްދުގައި ގުދަންކޮށްފައި ހުރި އެއްޗެހިތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ޙާދިސާގައި އެއްވެސް ޓާރފަކަށް ގެއްލުމެއްވެފައިނުވާކަމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓުން ހާމަކުރައްވައިފިއެވެ.

މާފަންނު ސްޓޭޑިއަމްގައި ހުންނަ ޓެނިސް ކޯޓު ފުރަގަހުގައި ގުދަންކޮށްފައިވާ އެއްޗެހިތަކެއްގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށާފައިވަނީ ރޭ 18:57 އެހާއިރުއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، ޔޫތް މިނިސްޓްރީގެ އޮފިޝަލަކު ވިދަޅުވީ މިއަލިފާނުގެ ހާދިސާގައި އަލިފާނުގެ ހުޅުގަނޑު ހިފާފައިވަނީ ގުދަންކޮށްފައިވާ ސަރަހައްދު ވަކިކުރަން ޖަހާފައިވާ ފެންސްތަކުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މިގުދަނުގައި ގުދަންކުރެވިފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭއެހީގެދަށުން ކުރީގެ ސަރުކާރުގެ ދުވަސްވަރު ދީފައިވާ މުދާތަކެއްކަމަށެވެ. މި ހާދިސާގައި ރާއްޖޭގެ އެކިރަށްތަކުގައި ޓަރފް ދަނޑުތައް ހެދުމަށްޓަކައި ގެނެސްފައިވާ އެއްވެސް ޓަރފްއަކަށް ގެއްލުންނުވާކަން ޔޫތް މިނިސްޓްރީގެ އޮފިޝަލަކުވަނީ ޔަޤީންކޮށްދެއްވާފައެވެ.

މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައިނުވާއިރު، ސިފައިންނާއި ފުލުހުނާއި ޔޫތް މިނިސްޓްރީއިން މި ސަރަހައްދު އެސެސްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށްގެންދަމުންނެވެ.