ވިޔަފާރި

ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވެއްޖެ


ށ އަތޮޅު ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ށ. މިލަންދޫގައި އޮތް އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ށ އަތޮޅުގައި އެއަރޕޯޓެއް ތަރައްޤީވެގެންދާއިރު، އެކަމުގެ ސަބަބުން އެއަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެގެންދިއުމަށް މަގުފަހިވެގެންދާނޭކަމަށެވެ.

މިލަންދޫގެ ރައްޔިތުންނާއި އެދާއިރާގެ ރައްޔިތުން އަބަދުވެސް އެދެމުންދިޔަ ފަދައިން ށ. ނަލަންދޫގައި ރިސޯޓެއް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެއަރޕޯޓެއް ހުޅުވަން އެވަނީ ތައްޔާރުވެފައި، އޭގެ ބޭނުން އަޅުގަނޑުމެން އެންމެ ރަގަޅަށް އެބަ ހިފަންޖެހޭ، ތަރައްޤީއަށްޓަކައި، ޙާއްސަކޮށް، ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ވަރަށް ބޮޑު ވަސީލަތެއް އެއީ، މި ދާއިރާއަށް ލޯކަލް ޓޫރިޒަމާއި އަދި ރިސޯޓު ޓޫރިޒަމް އެބަ އަންނަން ޖެހޭ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިލަންދޫ ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިލަންދޫގެ މަގުތަކުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި މީގެ އަހަރުތަކެއް ކުރިން މިލަންދޫގައި ފަށާފައިވާ ސަތޭކަ ހައުސިންގ ޔުނިޓްގެ މަސައްކަތް، އަލުން ފަށައި އެއަށް ވުރެއް ރަނގަޅަށް އެ މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މިލަންދޫ ދާއިރާގައި ހިމެނޭ ފީވަކާއި، ނަރުދޫގެ ތަރައްޤީއަށްޓަކައިވެސް ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެގޮތުން ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު މިއަހަރުގެ ބަޖެޓުގައި ހިމެނޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި އެ މަޝްރޫޢު މިހާރުވަނީ ބިޑަށް ހުޅުވާލާފައި ކަމަށާއި މަސައްކަތް ހުއްޓިފައިވާ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ފަށާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތްތާއި އެކު ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމެއް ހައްލެއް ގެނެވި ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ފަށާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަރަދޫގައިވެސް ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމެނޭ ކަމަށާއި އެރަށުގެ އިންޖީނުގެ މިހާރު ހުރި ތަނުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަަމަށެވެ.