ދުނިޔެ

ނިއުކްލިޔަރ މައްސަލައަށް ސިޔާސީ ހައްލެއް ބޭނުން- އީރާން


ދުނިޔޭގެ ބާރުތަކުން އީރާނާ އެކު ކުރިއަށް ގެންދާ ނިއުކްލިޔަރ ވާހަކަތައް ކާމިޔާބުވާނީ، މިކަމުން ސިޔާސީ ޙައްލެއް ހޯދުމަށް އެބާރުތަކުން ބޭނުންނަމަ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެއެވެ.އީރާނުގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ އެގައުމާ ދުނިޔޭގެ ބާރުތަކާ ދެމެދު ކުރިއަށް ގެންދާ ނިއުކްލިޔަރ މަޝްވަރާތައް އިތުރު ދުވަހަކަށް ކުރިއަށް ގެންދިއުމަށް މަޝްވަރާގެ ބައިވެރިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.ސުވިޓްޒަލޭންޑްގެ ލައުސާންގައި ކުރިއަށްދާ ވާހަކަތަކުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ، ވާހަކަތަކުގައި ކުރިއަށް ދިއުމަށް ދުނިޔޭގެ ބާރުތަކުގެ ސިޔާސީ ވިސްނުން ފުޅާކުރަން ޖެހޭ ކަމަށާ މިކަމުގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވާ ކަމަށެވެ.އެހެން ނަމަވެސް މިމައްސަލައިގައި އެއްބަސްވުމެއް ޤާއިމުކުރުމަށް މިއަށް ވުރެ ރަނގަޅު ފުރުޞަތެއް ނުލިބޭނެ ކަމަށާ މިކަން ދުނިޔޭގެ ބާރުތަކަށް ވިސްނަން ޖެހޭ ކަމަށެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި ޤާއިމުކުރާ އެއްބަސްވުމުގެ އޮނިގަނޑު މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެކުލަވާލުމަށް އީރާނާ ދުނިޔޭގެ ބާރުތަކުން ކަނޑައެޅިނަމަވެސް އެފަރާތްތަކުން ވަނީ މިމުހުލަތު ދެދުވަހަށް އިތުރުކުރުމަށް ނިންމާފައެވެ.