ދުނިޔެ

އިރާގާއި ސޫރިޔާގައި 100އަށްވުރެ ގިނަ ޤައުމުގެ ހަނގުރާމަވެރިން-


އިރާގާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ ހަނގުރާމަވެރިން ބައިވެރިވާ ކަމަށް އދ. ން ބުނެފިއެވެ.ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ ޓީމަކުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުގެ 25 ހާހަށްވުރެ ގިނަ މީހުން އިރާގާއި ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތަކުގައި ޖިހާދުގެ ނަމުގައި ބައިވެރިވަމުންދެއެވެ.ބައިނަލްއަގްވާމީ ތަޖްރިބާކާރުންގެ މިރިޕޯޓް ގައި ސޫރިޔާއާއި އިރާގު ސިފަކޮށްފައިވަނީ ހައްދު ފަހަނަޅާފައިވާ ހަނގުރާމަވެރިން ތަމްރީން ކުރުމުގެ ބައިނަލްއަގްވާމީ އެންމެ ބޮޑު ސްކޫލްގެ ގޮތުގައެވެ.މިރިޕޯޓް ބުނާގޮތުން ދުނިޔޭގެ ގައުމުތަކުން ޖިހާދުގެ ނަމުގައި ހަނގުރާމަވެރިން އިރާގާއި ސޫރިޔާއަށް ދާހާ ހިނދަކު އެދެގައުމުގެ ލޭއޮހޮރުވުންތައް ހުއްޓުވުމަކީ މުސްތަހީލް ކަމެކެވެ. އަދި ޖިހާދުގެ ނަމުގައި އެދެގައުމަށް ދާ ހަނގުރާމަވެރިންނަށް ހުރަސްއެޅުމުގައި ބައިނަލްއަގްވާމީ މުޖްތަމައު ނާކާމިޔާބުވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެއެވެ.