ޚަބަރު

ބިއުޓިފުލް އައިސް އެސޯސިއޭޝަންގެ އޮންލައިން ޕޯޓަލެއް ތަޢާރަފްކޮށްފި


ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ އޮންލައިން ޕޯޓަލް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މި އޮންލައިން ޕޯޓަލް އަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންތަކެއް ފަރުމާކޮށްފައިވާ ޕޯޓަލްއެކެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދިޔަ ކުޑަކުދިންގެ ފެސްޓިވަލްގެ ތެރެއިން ވާހަކަދައްކަވަމުން، ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް އެސޯސިއޭޝަންގެ ފައުންޑަރ އަހުމަދު އަންސަމް ވިދާޅުވީ، މިފަހަރުގެ ފެސްޓިވަލްގައި ކުޑަކުދިންނަށް ކަމުދާނެ ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. އެގޮތުން އެކުދިންނަށް ކަމުދާކަހަލަ ކުޅިވަރުތަކާއި، ފޭސްޕެއިންޓިންގ ފަދަ ހަރަކާތްތަށްވެސް ކުރިއަށް ދިޔަކަން އަންސަމް ފާހަގަކުރެއްވިއެވެ.

މި ފެސްޓިވަލްގައި ޓްރީޓޮޕް ހޮސްޕިޓަލް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރސްގެ ސްޓޯލްތަށް ވަނީ ބަހައްޓާފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަންއަށް ލިބުނު އެހީތަށް ބަލައިގެންފައެވެ. އެގޮތުން ދިރާގާއި އެމްޕީއެލާއި އެލް މޯބައިލާއި ސައިރިކްސް ކޮލެޖުން ވަނީ އެ އެސޯސިއޭޝަނަށް އެހީތެރިވެފައެވެ. އަދި ހެޕީ މާކެޓާއި ޗަބަލް ބްލަންކް ރަންދަލިީގެ އިތުރުން ހޮޓެލް ޖެންއާ ނޯވާ އެލެވޭޓާސް ސީ ގާޑް އަދި ދަންމާނު ބޮޑުބެރު ގްރޫޕުންވަނީ ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނަށް އެހީތެރިވެފައެވެ. މި އެހީގެ ދަށުން އެ އެސޯސިއޭޝަނަށް ވަނީ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.

ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމުކުރި މިހަރަކާތުގައި ހީޓް ޖިމްގެ ފަރާތުން "ސްޓެޕް އަޕް ފޯ ޑައުން ސިންޑްރޯމްގެ ނަމުގައި 21 މިނެޓްގެ ކަސްރަތުގެ ހަރަކާތެއްވެސްވަނީ ކުރިއަށްގެންގޮސްފައެވެ.