ޚަބަރު

ރޯވީ ޓަރފް ދަނޑުތަކެއް އެޅުމަށް ގެނެސްފައި ހުރި ސާމާނުތަކެއްގައި


ރާއްޖޭގެ އެކި ރަށްތަކުގައި ޓަރފް ދަނޑުތައް އެޅުމަށްޓަކައި ޔޫތު މިނިސްޓްރީން ގެނެސްފައި ހުރި ސާމާނުތަކެއްގައި ރޯވެ އަނދައިފިއެވެ.

މި މުދާތައް ބަހައްޓާފައި ހުރީ މާފަންނު ސްޓޭޑިއަމްގައި ހުންނަ ޓެނިސް ކޯޓު ފުރަގަހުގައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިރޭ 18:57 އެހާކަށްހާއިރު ޓެނިސް ކޯޓު ފުރަގަހުގައި ހުރި މުދާތަކެއްގައި ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ސަރަޙައްދަށް ގޮސް އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފެށި ކަމަށެވެ.

ޔޫތު މިނިސްޓްރީގެ އިސް އޮފިޝަލަކު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ރޯވެފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރީގެ ސަރުކާރަށް ދީފައިވާ މުދާތަކެއްގައި ކަމަށެވެ. އެ ސާމާނުތަކަކީ ރާއްޖޭގެ އެކި ރަށްތަކުގައި ޓަރފް ދަނޑު އެޅުމަށްޓަކައި ދީފައިވާ ސާމާނުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ރޯވީ އެތަނުން ސީދާ ކޮން އެއްޗެއްސެއްގައި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެތަނުގައި ޓަރފާއި ރަބަރާއި އަދި ބައެއް ކެމިކަލްވެސް ހުންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަލިފާން ރޯވުމުގެ ސަބަބުން ޓެނިސް ކޯޓު ފުރަގަހުގައި ހުރި ބިލް ބޯޑުތަކުގައިވެސް ވަނީ އަލިފާން ހިފާފައެވެ. އަދި އަލިފާންގަނޑު ޓެނިސް ކޯޓަށް ފެތުރުމުގެ ކުރިން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ކެމިކަލް ޖަހައިގެން ނިއްވާލައިފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްވި ކަމުގެ މަޢުލޫމާތެއް ނުލިބެއެވެ. އަދި މި ތަކެތީގައި ރޯވި ސަބަބެއްވެސް އަދި މިހާތަނަކަށް ނޭނގެއެވެ. މި ހާދިސާގެ ތަޙްޤީގު ފުލުހުންނާއި ގުޅިގެން އެމްއެންޑީއެފްއިން އަންނަނީ ކުރަމުންނެވެ.