ޚަބަރު

ކަރަންޓުގެ އަގު ވަރަށް އަވަހަށް ހެޔޮކުރާނަން - ރައީސް ޞާލިޙު


ކަރަންޓުގެ އަގަށް ރައްޔިތުން އެދޭފަދަ ހެޔޮބަދަލެއް ވަރަށް އަވަހަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ށ. ކޮމަންޑޫގައި އެމް.ޑީ.ޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މިހާރު މަޝްވަރާތައް ފަށްޓަވާފައިވާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި ސްޓެލްކޯއާއި ފެނަކަ ކޯރޕަރޭޝަނާއެކު ރައީސް އޮފީހުގައި ބައްދަލުކޮށްފައިވާއިރު، ކަރަންޓުގެ އަގު ހެޔޮކުރުމަށް އެބޭފުޅުން ތައްޔާރުކޮށްފައިވާ ސިޔާސަތު އެމަނިކުފާނާއި ހިއްސާކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ، ރައްޔިތުން އެދޭފަދަ ހެޔޮބަދަލުތަކެއް ކަރަންޓުގެ އަގަށް ދާދިއަވަހަށް ގެންނަވާނެކަމަށެވެ.

"ރަށްރަށުގެ ކަރަންޓު އަގުބޮޑުވެގެން އެވާހަކަ ރިޔާސީ އިންތިޚާބުގެ ތެރެއިން ވަރަށް ބޮޑަށް ދެކެވުނު. އަޅުގަނޑުވީ ވަޢުދެއް އެއީ ކަރަންޓުގެ އަގު ހެޔޮކޮށްދިނުން.. ވޭތުވެދިޔަ ހަފްތާތެރޭގައި ސްޓެލްކޯއާއި ފެނަކައާއި އެކީގައި ރައީސް އޮފީހުން އަޅުގަނޑުމެންވަނީ ބައްދަލުވުމެއް އެކަމާބެހޭގޮތުން ބާއްވާފައި.. އެބޭފުޅުން ކަރަންޓުގެ އަގު ކުޑަކުރުމަށްޓަކާ އެކުލަވާލާފައިވާ ސިޔާސަތެއް އަޅުގަނޑުމެންނާއި ހިއްސާކުރި.. އިރާދަކުރެއްވިއްޔާ އެކަމާބެހޭ ދެވަނަ ބައްދަލުވުމެއް ބޭއްވި، ރައްޔިތުން ބޭނުންވާ ފަދަ ހެޔޮ ބަދަލުތަކެއް ކަރަންޓުގެ އަގަށް ދާދި އަވަހަށް ގެނެވިގެންދާނެ.." ރައީސް ޞާލިޙު ވިދާޅުވިއެވެ.

ކަރަންޓުގެ އަގުހެޔޮކުރުމަކީ ރައީސް ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ރައްޔިތުންނާއި ގުޅުންހުރި ތަފާތުކަންކަމާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮ ކުރުމާއި، މަތީ ތަޢުލީމަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ޑީސަލާއި، ދަނޑުވެރިކަމުގެ މަސައްކަތަށް އެތެރެކުރެވޭ ތަކެތީގެ ޑިއުޓީ ކުޑަކުރުން ފަދަ ކަންކަން ކުރެވިފައިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވަނީ، ރާއްޖެ ތަރައްޤީކުރުމުގައި ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ރަށްތަކަށް ބާރުތައް ދޫކޮށްލުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ.