ސިޔާސީ

ހޯމް މިނިސްޓަރުގެ ކިބައިން ހަނިކުރި ބާރުތައް އަލުން ދެއްވަން ރައީސް ނިންމަވައިފި


ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ކިބައިން ނިގުޅައިގަނެ ރައީސްގެ މުށުތެރެއަށް ލެއްވިބާރުތައް އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިގޮތަށް ނިންމަވާފައިވާކަން އިޢުލާން ކުރެއްވީ ށ.ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރަށް ލިބިދީފައިވާ ބާރަތަކެއް ނަންގަވާފައިވާކަން ފާހަގަ ކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ އޭރު ސަރުކާރުގެ ވިސްނުން އޮތީ ބާރުތައް ޖަމާކޮށްގެން މަރުކަޒީ ނިޒާމެއްގެ ތެރެއިން ޤައުމު ހިންގުމަށް ކަމަށެވެ.

"އަޅުގަނޑުވާނީ ހޯމް މިނިސްޓަރަށް ދޭންޖެހޭ ބާރުތައް ދޫކޮށްލުމަށް ސޮއިކޮށްފައި. ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ލިބި ރައިސުލްޖުމްހޫރިއްޔާ އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑުވާނީ ދޫކޮށްލާފައި." ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ޤާނޫނުގައި ވަނީ ފުލުހުންގެ ވެރިޔަކަށް ލިބިދޭ ޤާނޫނީ ބާރުގެ ބޭނުން މިނިސްޓަރަށް ހިފޭނެ ކަމަށެވެ. އަދި ފުލުހުންގެ ޤާނޫނަށް އަމަލު ކުރުމަށް ކޮންމެ ވަގުތަކުވެސް ފުލުހުންގެ މައްޗަށް އަމުރު ނެރުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހޯމް މިނިސްޓަރަށް ލިބިދޭބާރުތައް ހަނިކޮށް އެ ހުރިހާ ބާރުތަކެއް ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ބަދަލުކޮށްފައެވެ. ނަމަވެސް އެބާރުތައް މިނިސްޓަރަށް ލިބެނީ ރައީސް ކަނޑައަޅުއްވާ ހުދޫދެއްގެ ތެރެއިން ކަމަށް ފުލުހުންގެ ޤާނޫނުގައި ވެއެވެ.