ޚަބަރު

އިޖްތިމާއީ މަސައްކަތް ތެރިންނަކީ ބޮޑު ޒިންމާއެއް އުފުލާ ބައެއް-


އިޖްތިމާއީ މަސައްކަތް ތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ކޮންމެ މީހަކީވެސް އެމީހެއްގެ ކޮނޑުގައި ވަރަށް ބޮޑެތި ޒިންމާތަކެއް އެޅިފައިވާ ބައެއް ކަމަށާއި، އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް މިނިސްޓަރ އޮފް ލޯ އެންޑް ޖެންޑަރ މުހައްމަދު އަނިލް އިލްތިމާސްކުރައްވައިފިއެވެ.ކުޑަކުދިންގެ ރައްކާތެރިކަމާގުޅިގެން ހުށައެޅޭ މައްސަލަ ތަކުގައި އަމަލުކުރާނެ ގޮތްތަކާއި، އެމަސައްކަތް ވީހާވެސް ރަނގަޅަށް ކުރުމައްޓަކައި، ޖެންޑަރ މިނިސްޓްރީގެ ދަށުން މަސައްކަތްކުރައްވާ މުއައްޒަފުންނަށް ޚާއްސަކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުމެއްގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަނިލް ވިދާޅުވީ، އިޖްތިމާއީ ޚިދުމަތް ފޯރުކޮށްދޭ މަސައްކަތްތެރިންނަކީ، އެހެން ވަޒީފާތައް އަދާކުރާ މީހުންނާއި ޚިލާފަށް 24 ގަޑި އިރު ވަރަށްވެސް އުނދަގޫ ބުރަ މައްސޫލިއްޔަތެއް އަދާކުރައްވާ ބައެއްކަމަށާއި، ޖެންޑަރ މިނިސްޓްރީން އެމަސައްކަތުގެ އަގުވަޒަންކުރައްވާކަމަށެވެ.މިނިސްޓަރ އަނިލް ވިދާޅުވީ، ގައުމާއި ރައްޔިތުންނާ ކުޑަކުދިންގެ ލާބައަށްޓަކައި، މިފަދަ ބޮޑު މައްސޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ ބަޔަކަށް އިޖްތިމާއީ މަސައްކަތްތެރިންވާއިރު، ބައެއްފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށް ފާޑުކިއުންތައް އަމާޒުކުރުމަކީ ހިތާމަކުރަންޖެހޭކަމެއްކަމަށެވެ. އަދި މިފަދަ އިޖުތިމާއީ ކަންކަމަކީ އެއްވެސް ހާލެއްގައި ސިޔާސީ ކުރެވިގެންވާނެކަންކަން ނޫންކަމަށާއި، އެކަން އެގޮތަށް ކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައަށް ކުރާނެކަމަށް އަނިލް ވިދާޅުވިއެވެ.ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއާ، ފެމެލީ ޕްރޮޓެކްޝަން ޔުނިޓްގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ބައެއް މުއްޒަފުން ހިމަނައިގެން 4 ދުވަހުގެ މުއްދަތަށް ކުރިޔަށްގެނދިޔަ މި މަސައްކަތު ބައްދަލުވުމުގައި މައިންގަޑު ގޮތެއްގައި މައުލޫމާތުދީފައިވަނީ، މުއައްޒަފުންނަށް  ބޭނުންވާ ހުނަރާއި، ގާބިލްކަމާއި އިލްމު ހިމެނޭގޮތަށް މައުލޫމާތު ބައްޓަންކޮށްގެން ކަމަށް ޖެންޑަރ މނިސްޓްރީން މައުލޫމާތުދެއެވެ.މިއީ އެމިނިސްޓްރީން ކުރިޔަސްގެންދިޔަ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން. އިޖުތިމާއީ މަސައްކަތްތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމާގުޅުންހުރި ދާއިރާތަކުން ތައުލީމާއި ހުނަރު ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ޖެންޑަރ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.