ވިޔަފާރި

ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ 2 މާކެޓެއްގައި މަހުގެ އަގު އުފުލިއްޖެ


ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރާ 2 މާކެޓެއްގައި މަހުގެ އަގު އުފުލިއްޖެއެވެ.

މަހުގެ އަގު އުފުލިފައިވަނީ ސްޕެއިންގެ މާރކަމެޑްރިޑް މާކެޓްގައާއި ތައިލެންޑް މާކެޓްގައެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރއިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހު ތައިލެންޑްގައި ކަޅުބިލަމަސް ކިލޯއެއް ލިބެންހުރީ، 23 ރުފިޔާ 13 ލާރިއަށެވެ. ނަމަވެސް މިދިޔަ މަހު މި އަދަދު އުޅުނީ 19 ރުފިޔާ 74 ލާރީގައެވެ.

ސްޕެއިންގެ މާރކަމެޑްރިޑް މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް މިދިޔަ ހަފްތާގައި ލިބެންހުރީ 159 ރުފިޔާ 92 ލާރިއަށެވެ. އޭގެކުރީ ހަފްތާގައި މި އަދަދު އުޅުނީ 157 ރުފިޔާ 52 ލާރީގައެވެ.

ތައިލެންޑް އަދި ސްޕެއިން މާކެޓްގައި މަހުގެ އަގު އުފުލިފައިވީނަމަވެސް ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރުގައި މަހުގެ އަގުވަނީ ދަށްވެފައެވެ. އެގޮތުން ޖަޕާނުގެ ޓޯކިޔޯ މެޕްރޮޕޮލިޓަން ނީލަން ބާޒާރުގައި މިދިޔަ ހަފްތާގައި ލޯބޮޑު ކަންނެލި ކިލޯއެއް ވިއްކާފައިވަނީ 238 ރުފިޔާ 88 ލާރިއަށެވެ. އޭގެކުރީ ހަފްތާގައި މިއަދަދު އުޅުނީ 306 ރުފިޔާ 88 ލާރީގައެވެ. މިއީ 28.47 އިންސައްތައިގެ ދަށްވުމެކެވެ.

މަސްގަންނަ ކުންފުނިތަކުން ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް ގަންނަ އަގުވެސް މިދިޔަ ހަފްތާގައި ވަނީ 9.59 އިންސައްތަ ދަށްވެފައެވެ.

ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓް ކުރާ ރާއްޖޭގެ ކުންފުނިތަކުން އެވްރެޖްކޮށް ފިނިކުރި ކަޅުބިލަމަސް ކިލޯއެއް ގަންނެފައިވަނީ 20 ރުފިޔާއަށެވެ. އަދި ފިނި ނުކުރާ ކަޅުބިލަމަސް ކިލޯއެއް ގަނެފައިވަނީ، 18 ރުފިޔާއަށެވެ.