ވިޔަފާރި

ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ


ހުސްވި އަހަރު ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް 20 މަންޒިލްގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.

ޗައިނާ ޓޫރިޒަމް އެކަޑަމީ އަދި ސީޓްރިޕްގެ ފަރާތުން ނެރުނު ދެހާސް އަށާރަވަނަ އަހަރުގެ ޗައިނީސް އައުޓުބައުންޑު ޓްރެވަލް ރިޕޯޓުގައިވާ ގޮތުން ޤައުމުން ބޭރަށް ދަތުރުކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މަރކެޓެކެވެ. އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގޮތުން ހުސްވި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނަވާރަ ޕޮއިންޓް އެކެއް އިންސައްތަ އަކީ ޗައިނާ ފަތުރުވެރިންކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޗައިނާ ޓޫރިޒަމް އެކަޑަމީ އަދި ސީޓްރިޕްގެ ފަރާތުން ނެރުނު ދެހާސް އަށާރަވަނަ އަހަރުގެ ޗައިނީސް އައުޓުބައުންޑު ޓްރެވަލް ރިޕޯޓުގައި ބުނެފައިވަނީ ހުސްވި އަހަރު ސަތޭކަ ފަންސާސް މިލިއަން ޗަައިނާ މީހުން ޤައުމުން ބޭރަށް ދަތުރުކޮށްފައިވާކަމަށެވެ. މި އަދަދަކީ ދެހާސް ސަތާރަވަނަ އަހަރާއި އަޅާ ބަލާއިރު ސާދަ ޕޮއިންޓް ހަތެއް އިންސައްތަ އިތުރު އަދަދެކެވެ.

އަދި އެންމެ ގިނައިން ޤައުމުން ބޭރަށް މީހުން ފުރާފައިވާ ސިޓީތަކުގެ ތެރޭގައި ޝަންގްހާއީ، ބެއިޖިންގ، ޗެންގްޑޫ، ނަންޖިންގ އަދި ކުންމިންގ ފަދަ ސިޓީތައް ހިމެނެއެވެ.

ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް ވިހި ޤައުމުގެ ލިސްޓުގައި ރާއްޖޭގެ އިތުރުން ތައިލޭންޑް، ޖަޕާން، ވިއެޓްނާމް، މެލޭޝިއާ، އޮސްޓްރޭލިއާ ފަދަ ޤައުމުތައް ހިމެނެއެވެ.

ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރުކޮށް، އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އިތުރުކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.