ސިއްހަތު

ރާއްޖެއިން ބޯންމެރޯ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަނީ


ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ބޯންމެރޯ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ އޮފް ހެލްތް އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.ބޯން މެރޯ އޮޕަރޭޝަން ކުރުމަށް ޒަކާތު ފަންޑުން އެހީދިން ކުދިންގެ ތެރެއިން ދެވަނަ ބުރުގައި ފުރުމަށް ހަމަޖެހިފައިވާ އަށް ކުދިނާއި ހެލްތް މިނިސްޓްރީ އާއި އެންސްޕާއާ އާސަންދައިގެ އިސްވެރިން ބައްދަލުކުރެއްވުމަށްޓަކައި އިސްލާމީ މަރުކަޒްގައި ބޭއްވި ހަފްލާގައި މިނިސްޓަރ ޒުހޫރު ވިދާޅުވީ ރާއްޖޭގައި ބޯންމެރޯ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އިންޑިއާގެ ތިން ހޮސްޕިޓަލެއްގައި ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުން ޓްރެއިންކޮށް އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައި ކަމަށެވެ.ޒަކާތު ފަންޑުން އެހީދިން ތިރީސް ހަތަރު ކުދިންގެ ތެރެއިން ދެވަނަ ބުރުގައި ފުރުމަށް ހަމަޖެހިފައިވާ ކުދިންގެ ތެރެއިން ދެ ކުދިން މާދަން ނޫން އަނެއް ދުވަހު ފުރާނެ ކަމަށާއި ބާކީ ތިބި ކުދިންވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ފުރާނެ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މި ކުދިން ފަރުވާ ހޯދުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ގްލޯބަލް ހޮސްޕިޓަލުންނާއި މަނިޕާލް ހޮސްޕިޓަލުންނެވެ.މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބޯން މެރޯ އޮޕރޭޝަން ކުރާ ކުދިންނަށްދޭ ޚާއްސަ ލިޔުންވެސް ވަނީ އެކުދިންނާއި ހަވާލްކޮށްފައެވެ.ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް އެހީދީފައިވާ 34 ކުދިންގެ ތެރެއިން ފުރަތަމަ ދިހަ ކުދިންނާއި އެކުދިންގެ ޑޯނަރުން  ފުރާފައިވަނީ މިދިޔަ މަހުގެތެރޭގައެވެ.