ޚަބަރު

ރައިސް އާއި ހަޑްސަން ތިބީ ތައްޔާރަށް - ސައުތް ގޭޓް



ޗެކް ރިޕަބްލިކާ ވާދަކުރާ މެޗަށް ނުކުންނައިރު ގައުމީ ޓީމްގައި އަލަށް ހިމެނުނު ޑެކްލަން ރައިސް އަދި ކެލަމް ހަޑްސަން ވެސް ތައްޔާރު ވެފައިވުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށް އިނގިރޭސި ކޯޗް ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ޔޫރޯ ކޮލިފައިންގައި ޗެކް ރިޕަބްލިކާ ވާދަކުރާ މެޗްގެ ކުރިން ސައުތްގޭޓް ބުނީ އިނގެރޭސި ޓީމްގައި ތިބީ މުޅިންވެސް ހުނަރުން ފުރިގެންވާ ކުޅުންތެރިން ކަމަށާއި، ސްކޮޑްގައި ހިމެނުމުގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ. އަދި މުޅިން އަލަށް ޓީމަށް ނެގި ޒުވާން ދެ ކުޅުންތެރިން ތައްޔާރުވުމަކީ ޓީމަށް ލިބޭ އިތުރު ބޯނަސްއެއް ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

ހާއްސަކޮށް ހަޑްސަންގެ ފަރާތުން ފެންނަނީ އިނގެރޭސި ގައުމީ ޓީމްގެ ފެންވަރުގެ ކުޅުމެއް ކަމަށާއި، ފުރަތަމަ އެގާރައިގައި ވިހި އަހަރުގެ ކުޅުންތެރިޔާ ނެރުމަށް ޖެހިލުމެއް ނެތްކަމަށްވެސް ކޯޗް ބުންޏެވެ.

އިނގެރޭސި ޓީމަކީ ޒުވާން ޓީމެއް ކަމަށާއި، އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ދަސްކުރަން ޖެހޭ ފިލާވަޅުތަކަށް ޓީމް ތައްޔާރުކަމަށެވެ.
އަދި ތަނބިކަށްޓަށް ލިބުނު އަނިޔާއާއެކު މާކަސް ރަޝްފޯޑަށް ނުކުޅެވުމަކީ ލިބޭ ދެރައެއް ކަމަށާއި ނަމަވެސް އެއީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދަން ލިބިގެން ދާނެ ފުރުސަތެއްކަމަށްވެސް ކޯޗް ބުންޏެވެ.