ޚަބަރު

ފްރާންސުން ނިކުންނާނީ ވޯލްޑްކަޕް ގައި ލިބުނު ރީތި ނަން ދިފާޢުކުރަން - ލޮރިސް



ވަރލްޑްކަޕްގައި ފްރާންސުން ހޯދި ކާމިޔާބީ އާއި ރީތި ނަން ދިފާއުކުރަން ޖެހޭ ކަމަށާއި، މޯލްޑޯވާއާ ދެކޮޅަށް ނުކުންނާނީ އާ ލަނޑުދަނޑިއެއް ހާސިލު ކުރުމަށް ކަމަށް ފްރާންސްގެ ކެޕްޓަން ލޮރިސް ބުނެފިއެވެ.

2020 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ދުނިޔޭގެ ރޭންކިންގްގައި ސަތޭކަ ހަތްދިހަ ވަނައިގައި އޮތް މޯލްޑޯވާއާ ދެކޮޅަށް ނުކުންނަ މެޗްގެ ކުރިން ޓީމްގެ ކެޕްޓަން އަދި ގޯލްކީޕަރު ބުނީ މޯލްޑޯވާއަކީ ކޮންމެ ފެންވަރެއްގެ ގައުމެއް ނަމަވެސް އެ ޓީމަށް އިހުތިރާމު ކުރާ ކަމަށާއި، އެމީހުން ނުކުންނާނީ ފްރާންސް ބަލިކުރަން ތައްޔާރުވެގެން ކަމަށް ގަބޫލުކުރާކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، މޮޅަށް ކުޅެ ތިން ޕޮއިންޓް ހޯދާ، ޔޫރޯ ކޮލިފައިންގެ ފެށުން ރަނގަޅު ކުރުމަކީ ފްރާންސްގެ އަމާޒު ކަމަށް ލޮރިސް ބުންޏެވެ.

މިއީ ފްރާންސުން ވަރލްޑްކަޕްގެ ތަށި އުފުލާލިފަހުން ކުރިމަތިލާ އެންމެ މުހިންމު މުބާރާތެވެ. ޔޫރޯ ކޮލިފައިންގަ ފްރާންސް ހިމެނެނީ ގްރޫޕް އެޗް ގައެވެ. ދެން މި ގްރޫޕްގައި ހިމެނެނީ އައިސްލޭންޑް، ތުރުކީ، އަލްބޭނިއާ އަދި އެންޑޯރާއެވެ.