ރިޕޯޓް

މިދިޔަ ހުކުރުގައި 50 ޝަހީދު! މިހުކުރަށް މުޅި ނިއުޒިލެންޑް


ނިއުޒިލެންޑަކީ މުސްލިމުންގެ ބައިމަދު ޤައުމެކެވެ. އެޤައުމުގެ މުސްލިމުންގެ އާބާދީއަކީ އެންމެ %1.18 އެވެ. އިސްލާމްދީނަކީ ކޮން އެއްޗެއްކަން ނޭނގޭ، މުސްލިމުންގެ ނަމާދަކީ ކިހިނެއްކުރާ އެއްޗެއްކަން ނޭނގޭ، ބަންގީގެ އަޑު ދުވަހަކުވެސް ނީވޭ އެތައް މިލިއަން މީހުން އެޤައުމުގައި ދިރިއުޅެއެވެ.
ނިއުޒިލެންޑުގެ ކްރައިސްޗާޗްގެ އަލްނޫރް މިސްކިތަށާއި ލިންޑްވުޑް މިސްކިތަށް މީގެ ހަތްދުވަސްކުރިން، މިދިޔަ ހުކުރުދުވަހު ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓަކު ދިން ޢުދުވާނީ ހަމަލާގައިވަނީ ނަމާދަށްތިބި މުސްލިމުންގެ މަޢުޞޫމު 50 މީހުން ޝަހީދުވިއެވެ. މިއަދު މީ އެހިތާމަވެރި ޙާދިސާއަށް ބަރާބަރު 7 ދުވަސްވީ ދުވަހެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. މިއަދު ނިއުޒިލެންޑްގެ މުޅި ރައްޔިތުންގެ ޙިމާޔަތުގައި ހާމަކަންބޮޑު، ބޮޑު މައިދާނެއްގައި ބޮޑު ޖަމާޢަތުގައި އެޤައުމުގެ މުސްލިމުން ވަނީ ހުކުރުނަމާދުކޮށްފައެވެ. ހުކުރު ބަންގީގެ އަޑު އެޤައުމުގެ ޤައުމީ ޓީވީއާއި ރޭޑިއޯއިން ވަގުތުން ދުރަށްފޮނުވިއެވެ. ބަންގީގެ ބަރަކާތްތެރި އަޑުން މުޅި ނިއުޒިލެންޑްގެ ޖައްވު މިއަދު ގުގުމައިފިއެވެ. އަލްނޫރް މިސްކިތަށާއި ލިންޑްވުޑް މިސްކިތަށް ދިން ޓެރަރިސްޓު ހަމަލާގައި ޝަހީދުވެދިޔަ 50 މުސްލިމުންގެ ޢާއިލާތަކާއި މުޅި އިސްލާމީ އުންމަތުގެ އެންމެހައި މީސްތަކުންގެ ހިތްތަކަށް ފިނިކަމެއް ލިބިއްޖެއެވެ.

މިދިޔަ ހުކުރުދުވަހު އެމީހުންގެ ވެރިރަސްކަލާނގެ ހަޟުރަތަށް ކުއްތަންވެ އަޅުކަމުގައި ތިއްބައި ކުރިމަތިވީ ނާމާންކަމާއި، ބިރިވެރިކަމެވެ. އަޚުންނާއި އުޚުތުން މަރަށްތެޅެމުންދިޔަ ހިތްދަތިވަގުތު ބިރުވެރިކަމާއި ހާސްކަން ތަޙައްމަލުކުރަންޖެހުނު ނިއުޒިލޭންޑްގެ މުސްލިމުން އެދުވަހު ވަކީލުކުރީ ހަމައެކަނި އެމީހުންގެ ވެރި ރަސްކަލާނގެއަށެވެ. އޭގެ ހަތްދުވަސްފަހުން އެމީހުން ހީވެސް ނުކުރާފަދަ ރައްކާތެރިކަމާއި ބާރެއް މާތްﷲ އެމީހުންނަށް މިންވަރުކުރައްވައިފިއެވެ.

މިއަދު ނިއުޒިލޭންޑްގެ މުސްލިމުން ހުކުރުނަމާދުކުރީ އަލްނޫރް މިސްކިތާ 500 އެއްހައި މީޓަރު ދުރުގައި އޮންނަ "ހަގްލޭ ޕާކް"ގައި ބޮޑު ޖަމާޢަތުގައެވެ. ނިއުޒިލެންޑްގެ ޤައުމީ ޓީވީންނާއި ރޭޑިއޯއިންވަނީ ހުކުރު ބަންގި ވަގުތުން ގެނެސްދީފައެވެ. އޭގެފަހުން ވަނީ އަލްނޫރް މިސްކިތަށް ދިން ޙަމަލާގެ ހިތާމާގައި ދެ މިނިޓުގެ ސުކޫތެއް ގެނެސްފައެވެ.

އެޤައުމުގެ އެކި ކަންކޮޅުތަކުން މުސްލިމުން ހުކުރުޖަމާއަތަށް އެއްވިއެވެ. އެޤައުމުގެ ޣައިރު މުސްލިމުންގެ އެތައްހާސްބަޔަކުވެސް އެސަރަދަށް އެއްވިއެވެ. ޣައިރު މުސްލިމުންތިބީ މުސްލިމުންގެ ޖަމާޢަތުގެ ފަހަތުގައި މުސްލިމުންގެ ޙިމާޔަތުގައެވެ. ޣައިރު މުސްލިމު އަންހެނުންވެސް ތިބީ ބުރުގާ އަޅައި ނިވާވެގެންނެވެ.

އެމީހުންގެ މަޤުސަދަކީ މުސްލިމުންނާއެކު އެމީހުން ތިބިކަން ހާމަކުރުމެވެ. އެމީހުންގެ އެންމެ އިސްވެރިޔަކަށް ހުންނެވީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާންއެވެ. އެކަމަނާ ވަނީ ހުކުރުނަމާދުގެ ޖަމާޢަތާއި މުޅިޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި އެންމެ ފާހަގަކުރެވުނީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައި ވަސައްލަމްގެ ޙަދީސްފުޅެއްގެ ތަރުޖަމާ ވިދާޅުވުމެވެ.

އެކަމަނާ ވިދާޅުވިއެވެ. "ތިމާގެ ހަށިގަނޑުގެ އެއްވެސް ތަނެއްގައި ވޭނެއް އަޅާނަމަ، މުޅިހަށިގަނޑަށް އެކަމުގެތަދު އިޙްސާސް ކުރެވޭނެއެވެ." މިހެން ވިދާޅުވުމަށްފަހު ދެން ވިދާޅުވީ އަހަރެނެންނަކީ އެއްބައެއްކަމަށާ، މުޅި ނިއުޒިލޭންޑްގެ އެންމެން މުސްލިމުންގެ ހިތާމާގައި ބައިވެރިވާކަމަށެވެ.

މިއަދުގެ ހުކުރުނަމާދުގެ އިމާމަކަށް ހުންނެވީ އަލްނޫރު މިސްކިތުގެ އިމާމް ޖަމާލް ފައުދާއެވެ. މިންބަރަށް އަރާވަޑައިގެން ހުކުރުޚުޠުބާ ފަށްޓަވަމުން އިމާމު ވިދާޅުވީ މިދިޔަ ހުރުދުވަހުގެ ހިތާމަވެރި ޙާދިސާ ހިނގި ސަރަހައްދުގެ ކައިރީގައި މިއަދު ހުންނެވިއިރު، އޭނާއަށް ފެނިވަޑައިގަންނަވަނީ، ހަމްދަރުދީއާއި ލޯބިކަމަށެވެ. މިދިޔަ ހުކުރުދުވަހުގެ ޙަމަލާއަށްފަހު ނިއުޒިލެންޑް ރައްޔިތުންގެ ހިތްތަކަށް ތަޙައްމަލުނުކުރެވޭވަރުގެ ހިތްދަތިކަމެއް ލިބިފައިވާކަމަށް އިމާމު ވިދާޅުވިއެވެ. އެހެންނަމަވެސް މުޅި ނިއުޒިލެންޑުން މިއަދު ދައްކުވައިދިނީ ނިއުޒިލެންޑުގައި އޮތް އެއްބައިވަންތަކަމާއި ލޯބި ފުނޑުފުނޑުކޮށް ނުލެވޭނެކަން ކަމުގައި އިމާމު ވިދާޅުވިއެވެ.

މިދިޔަ ހުކުރުދުވަހުގެ ހަމަލާއަށްފަހު ފާހަގަވެގެން ދިޔަ އެންމެބޮޑު އެއްކަމަކީ ނިއުޒިލެެންޑްގެ މުސްލިމުންގެ މާތް އަޚުލާޤާއި ކެތްތެރިކަމެވެ. އެއްވެސް ކުށެއްނެތި އެމީހުން މާރާލަން ދިޔަ ޓެރަރިސްޓާވެސް އެމީހުން މުޚާޠަބުކުރީ ހިތްހެޔޮކަމާއެކު މާތްކޮށެވެ. "ހެލޯ ބްރަދަރ" އޭ އަހަރެންގެ އަޚާއެވެ. މިހެން ބުނެއެވެ.

ދެން ފެނިގެންދިޔައީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާގެ އޯގާތެރިކަމައި، ލޯތްބެވެ. މިއަދު މުޅި އިސްލާމީ އުންމަތާއި މުޅި ދުނިޔެ ދަނީ އެކަމަނާއަށް ތާރީފް ކުރަމުންނެވެ.