ދުނިޔެ

ކްރައިސްޗާޗްގެ ޙާދިސާއަށްފަހު ނިއުޒިލޭންޑް - ޢިބުރަތުން ފުރިފައި


ނިއުޒިލޭންޑަކީ، މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ސުލްޙަވެރި އެއް ޤައުމުގެ ގޮތުގައި މަޝްހޫރުވެފައިވާ ޤައުމެކެވެ. 4.9 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުގައި ޔޫރަޕް، އޭޝިއާ، އެފްރިކާ މިހެންގޮސް ދުނިޔޭގެ އެކި ނަސްލުތަކަށް ނިސްބަތްވާ މީހުން ދިރިއުޅެމުންދާއިރު، މީގެ ތެރޭގައި މުސްލިމުންގެ ނިސްބަތް ވަރަށްވެސް މަދެވެ. އެ ޤައުމުގެ މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް ފަންސާސްހާހެވެ. އިންސައްތައިން ބަލާނަމަ އެންމެ އިންސައްތަ އެކެވެ.

މުސްލިމުންގެ އާބާދީ މަދުވިނަމަވެސް، ނިއުޒިލޭންޑުގައި އެކި ދީންތަކަށް ނިސްބަތްވާ، ތަފާތު ނަސްލުގެ މީހުން ދެކެނީ އެއީ އެއްބައެއްގެ ގޮތުގައެވެ. އުޅެމުންދަނީ އެކުވެރި މުޖުތަމަޢުއެއްގެ ގޮތުގައެވެ.

މާރިޗު 15: ނިއުޒިލޭންޑަށް ކަޅު ހުކުރެއް!

މިމަހުގެ 15 ވީ ހުކުރު ދުވަސް މުޅި ނިއުޒިލޭންޑް ސިއްސުވާލީ އެ ޤައުމުގެ މުސްލިމުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމާލާ އިންނެވެ.

ނިއުޒިލޭންޑްގެ ކްރައިސްޗާޗްގެ 2 މިސްކިތަކަށް ޓެރަރިސްޓަކު ދިން ޙަމަލާއަކީ ނިއުޒިލޭންޑުގެ ތާރީޚުގައިވެސްދިން މިފަދަ އެންމެ ނުރައްކާތެރި، އެންމެ ލާއިންސާނީ ޖަރީމާއެވެ. އެ ޙަމަލާގައި 50 މީހަކު މަރާލައިފައިވާއިރު، އެތައް ބަޔަކު ވަނީ ޒަޚަމްކޮށްލާފައެވެ. ގިނަ ބަޔަކު މި ޖާރީމާ ސިފަކޮށްފައިވަނީ ނިއުޒިލޭންޑަށް އައި ކަޅު ހުކުރެއްގެ ގޮތުގައެވެ. މިކުއްލި ޙަމަލާއާއެކު ނިއުޒިލޭންޑުގެ އިތުރުން މުޅި އިންސާނީ އުއްމަތް ރޮއްވާލިއެވެ.

ޓެރަރިޒަމްގެ މިޢަމަލުގެ ފަހަތުގައި އޮތީ ހަމައެންމެ އެޖެންޑާއެކެވެ. އޭނާގެ ބޭނުމަކަށްވީ ނިއުޒިލޭންޑުން މުސްލިމުންގެ ނަން ފޮހެލައި މުޅި އިސްލާމީ އުއްމަތަށް ބިރުދެއްކުމެވެ. ތަފާތުކުރުމާއި ބައިބައިވުމާއި، ހަމަނުޖެހުން އުފެއްދުމެވެ. އޭނާއަކީ ނަސްލީ ތަފާތު ކުރުމާއި ހުޅަނގުގެ ހަރުކަށި ފިކުރުތަކާއި ވިސްނުންތަކަށް ތަބާވާ، އޮސްޓްރޭލިޔާއަށް ނިސްބަތްވާ މީހެކެވެ.

ޓެރަރިސްޓު ހަމަލާދިންވަގުތު އޭނާދިޔައީ އެ ޙަމަލާ ފޭސްބުކްމެދުވެރިކޮށް "ލައިވް ސްޓްރީމް"ވެސް ކުރަމުންނެވެ. އެ ޙަމަލާ ފަށަމުން އޭނާ ބުނެފައިވަނީ "ކުޅިވަރު ފަށަމާ ހިނގާ" މިހެންްނެވެ.

އަންހެނެއް ކުޑަކުއްޖެ ބެލުމެއްނެތި އޭނާ ބަޑިޖަހަމުންދިޔައީ ރަޙުމެއް އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތިއެވެ. ބައެއް މީހުންގެ ގަޔަށް ހަތަރުފަސް ފަހަރުވެސް ބަޑިޖަހާފައިވެއެވެ.

މި ޙަމަލާއާއެކު ނިއުޒިލޭންޑުގައި މިހާރު ކަންތައްތައްވަމުންދާ ގޮތް ނިކަން ދެކެބަލާށެވެ.

"ހެލޯ ބްރަދަރ": ރިވެތި އަޙްލާޤުގެ މަތިވެރި ނަމޫނާއެއް!

ހަތިޔާރުއަޅައިގެން ހުރިމީހާ ކްރައިސްޗާޗްގެ އަލްނޫރު މިސްކިތަށް ވަންނަން އުޅުމުން މިސްކިތުގެ ޙަރަމުގެ ތެރޭގައި ހުރި މީހާ އޭނާއާއި މުޚާތަބު ކުރީ "ހެލޯ ބްރަދަރ" މި ހެންނެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި އޭނާ މަސައްކަތް ކުރީ އިސްލާމީ ރިވެތި ސަލާމުން އެ ޓެރަރިސްޓު މީހާއަށް ސަލާމް ކުރާށެވެ. ނަމަވެސް އޭނާއަށް ޖުމްލަ ފުރިހަމަ ނުކުރެވި އުޅެނިކޮށް، ގަޔަށް ބަޑިޖަހައި ޝަޙީދުކޮށްލީއެވެ. މިއީ މިޙަމާލައި އެންމެފުރަތަމަ ޝަހީދުކޮށްލެވުނު މީހުންގެ ތެރެއިން މީހެއްގެ ވާހަކައެވެ.

މިޙަމަލާގެ ލައިވް ސްޓްރީމް ވީޑިއޯ ފޭސްބުކުން ނެގިނަމަވެސް، މިމަންޒަރުތައް ބެލި އެތައްމިލިއަން ބަޔަކު މިއަދު ދަނީ މުސްލިމުންނަށް ތަޢުރީފު ކުރަމުންނެވެ. މުސްލިމުންގެ އީމާންތެރިކަމާއި އަޤީދާ ވަރުގަދަކަމުގެ ވާހަކަދައްކަމުންނެވެ.

ނިއުޒިލޭންޑުގެ 2 މިސްކިތަކަށް ދިން ޓެރަރިސްޓް ޙަމަލާއާއެކު އެޤައުމުގެ މުސްލިމުންގެ ފަރާތުން ފެނުނީ ވަރަށްވެސް އާދަޔާ ޚިލާފު މަންޒަރުތަކެކެވެ. މުސްލިމުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވައްތަކަމާއި އަޚްވަންތައްކަމުގެ މަތިވެރި ނަމޫނާއެވެ.

މި ޙާދިސާގައި ޝާހިދުވި މަޢުސޫމް 50 މުސްލިމުންގެ ފުރާނަ މި ދުނިޔެއާއި ވަކިވެދިޔައީ މުޅި އިސްލާމީ އުއްމަތް ރޮއްވާލާފައެވެ. އަދިވެސް ހޮސްޕިޓަލުތަކުގައި ނާޒުކު ޙާލަތެއްގައި ފަރުވާ ހޯދަމުންދާ އެތައް ބައެއް އެބަތިއްބެވެ. އެކިވަރަށް ޒަޚަމްވެފައިވާ އެތައްބަޔަކު އެބަތިއްބެވެ. މަންޒަރުދުށް، ނަފްސާނީ ނުތަނަވަސްކަމުގައި ތިބި އެތައްބަޔަކު އެބަތިއްބެވެ. މަރުވި މީހުންނާއި ޒަޚަމުވީ ކޮންމެމީހެއްގެ ގާތްތިމާގެ މީހުން އަދިވެސް ސިހުމާއި މާޔޫސްކަމުގައި އެބަތިއްބެވެ.

މިއީ އުއްމަތެއް ސިއްސުވާލި ޖަރީމާއެކެވެ. ނަމަވެސް ބަދަލު ހިފުމުގެ އެއްވެސް ރޫޙެއް ނެތެވެ. އޭގެ ބަދަލުގައި ނިއުޒިލޭންޑުގައި ދިރިއުޅޭ މުސްލިމުންގެ ފަރާތުން ފެނުނީ އެކަކު އަނެކަކަށް އަޅާލުމާއި ޙަމްދަރުދީވުމުގެ ނަމޫނާއެވެ. އާބާދީ މަދުވިނަމަވެސް، ނިއުޒިލޭންޑްގެ މުސްލިމުން ތިބީ ސާބިތުކަންމަތީ އެކަތިކަނޑެއްގެ ގޮތުގައެވެ.

އެންމެ މީހެއްގެ ފުށުން ހިނގި އަނިޔާވެރި ޢަމަލާގުޅިގެން ނިއުޒިލޭންޑްގެ މިސްކިތްތަކަށް ނުދިއުމަށް އެ ޤައުމުގެ ފުލުހުން އިރުޝާދު ދިންނަމަވެސް، ޙަމަލާދިން 2 މިސްކިތްވެސް ހިމެނޭހެން މިސްކިތްތަކަށް ޖަމާވި މުސްލިމުންގެ ޢަދަދުވީ އިތުރެވެ.

މުޅި ނިއުޒިލޭންޑް މުސްލިމުންގެ ހިމާޔަތުގައި - އިބުރަތުގެ ފިލާވަޅެއް!

މުސްލިމުންނާދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ލާއިންސާނީ ޖާރީމާތަކުގައި އެތައް ސަތޭކަ މުސްލިމުންނެއް މަރަމުންދާއިރުވެސް، ދުނިޔޭގެ ބޮޑެތި ބާރުތައްވަނީ މިކަންކަން ހުއްޓުވުމުގައި ނުކުޅެދިފައެވެ. އެކި ޤައުމުތަކުގައި އުޅޭ އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚުތުން ދިރިއުޅޭ އެކި ސަރަޙަައްދުތަކުގައި އެތައް ދުއްތުރާލެއް މުސްލިމުންނަށް ކުރަމުންދާއިރު، އެކަމާ ދެކޮޅަށް ބަސްބުނާ ވެރިންގެ ޢަދަދު ވަރަށްވެސް މަދެވެ.

ނިއުޒިލޭންޑުގައި ހިންގި ގަތުލްޢާއްމުގައި ޝަހީދުވި މީހުންގެ ތެރޭގައި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުންގެ އިތުރުން، މިދެންނެވި ފަދަ ހަނގުރާމަތަކާއި ދުއްތުރާތަކުން ސަލާމަތްވުމަށް އެޤައުމަށް ޙިޖުރަކުރި ރެފިއުޖީންވެސް ހިމެނެއެވެ. މުސްލިމުންގެ ވަސް ފޮހެލުމަށް އެންމެ މީހަކުދިން މި ފިޑި ހަމަލާއާ ދެކޮޅަށް މުޅި ނިއުޒިލޭންޑް މިހާރު މިވަނީ ތެދުވެފައެވެ. މި އަނިޔާވެރި ޙަމަލާގައި ޝަހީދުވި މީހުންގެ އާއިލާތަކަށް ލިބުނު ހިތްދަތިކަމުގައި މުޅި ނިއުޒިލޭންޑް ދަނީ ބައިވެރިވަމުންނެވެ. ޣައިރު މުސްލިމުންވެސް ތިބީ މުސްލިމުންގެ ހިމާޔަތުގައި މިސްކިތްތަކުގައި ހަށިފާރައަށް ތިބެން ތައްޔާރަށެވެ.

ޝަހީދުވި ޢާއިލާތަކަށް މާލީގޮތުންނާއި ނަފްސާނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިއުޒިލޭންޑުގެ ރައްޔިތުންތިބީ އަތުކުރިއޮޅާލައިގެންނެވެ. މުސްލިމުންނާ ދެކޮޅަށް ދިން މިޙަމަލާއާއެކު ނިއުޒިލޭންޑުގެ ރައްޔިތުންގެ ހިތްތަކުގައި މުސްލިމުންނަށް އޮތް ލޯތްބާއި ޤަދަރުވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ތަފާތު ނަސްލުތަކަށާއި ދީންތަކަށް ނިސްބަތްވިޔަސް، އެމީހުންނަކީ އެއްބައެއްގެ ގޮތުގައި މުޅި ދުނިޔެއަށް މިދަނީ ދައްކައިދެމުންނެވެ.

ހަމަލާއަށް ހަފްތާއެއްވީއިރު، މުޅި ނިއުޒިލޭންޑް އެކަތިގަނޑެއްގެގޮތުގައި!

ކްރައިސްޗާޗްގެ 2 މިސްކިތަކަށް ހުކުރު ވަގުތެއްގައި ދިން ޓެރަރިސްޓު ހަމަލާއަށް މިއަދަށް ހަފްތާވިއިރު މިއަދުގެ ހުކުރު ނަމާދަށް ނިއުޒިލޭންޑުގެ މުސްލިމުން ނިކުތީ ބަދަހި ސަފުތަކަކާއެކުއެވެ. ހަމަލާ އަމާޒުވި އަލްނޫރު މިސްކިތް ހިމެނޭ ހަގްލޭ ޕާކު ކައިރީ ބޮޑު ޖަމާޢަތުގައި ކުރި ހުކުރު ނަމަދާށް އެޤައުމުގެ އެތައް ސަތޭކަ މުސްލިމުން ޖަމާވިއެވެ. އަދި މިއަދުގެ ހުކުރު ނަމާދު އެޤައުމުގެ ޤައުމީ ޓީވީއާއި ރޭޑިއޯއިން ވަނީ ވަގުތުން ދުރަށްފޮނުވާފައެވެ.

ހުކުރު ނަމާދު ކުރަމުންދިޔައިރު އެ ސަރަޙައްދުގެ ސަލާމާތީކަންކަން ބެލެހެއްޓުމަށްޓަކާ މަގުމަތީގައި ހަރަކާތްތެރިވި އަންހެން ފުލުހުންވެސް ތިބީ ބުރުގާ އަޅައިގެންނެވެ. ނިއުޒިލޭންޑުގެ މުސްލިމުންނަށް އަމާޒުކޮށްދިން މި ހަމަލާއަށްފަހު، އެ ޤައުމުގެ އެތައް ބަޔަކު ދަނީ އެޤައުމުގެ މިސްކިތްތަކަށް ޒިޔާރަތްކޮށް އިސްލާމްދީނާއި ގުޅޭ ކަންކަން ދަސްކޮށް، އިސްލާމްދީން ޤަބޫލުވެސް ކުރަމުންނެވެ.

ބޮޑުވަޒީރު ޖަސިންޑާއަށް އެތައް ބައެއްގެ ތާރީފު!

ކްރައިސްޗާޗްގެ 2 މިސްކިތަކަށް ޓެރަރިސްޓް ހަމަލާދިން މީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ފަށާފައިވާއިރު، މިކަމުގައި ޒިންމާވާ އެންމެނަށް ޤާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދޭނެކަމަށާއި، އެކަން ކުރުމަށް ނިއުޒިލޭންޑުގެ ސަރުކާރުން ފަހަތަށް ނުޖެހޭނެކަމުގެ ޔަޤީންކަން އެޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާރޑަން ވަނީ ދެއްވާފައެވެ. އަދި މި ހަމަލާ ދިންމީހާ ބޭނުންވީ މަޝްހޫރުކަން ހޯދަންކަމަށާއި، އޭނާ ބޭނުންވި "ޕަބްލިސިޓީ" ނުދިނުމަށްޓަކާ ޓެރަރިސްޓުގެ ނަންވެސް ނުކިޔެއްވުމަށް ޖަސިންޑާ ވަނީ ވަޢުދުވެވަޑައިގެންފައެވެ. ހަރުކަށި އިބާރާތުން މިކަން ކުށްވެރިކޮށްފައި ދޫކޮށްލުމުގެ ބަދަލުގައި، އެކަމަނާ ވަނީ މިކަމާދެކޮޅަށް ތެދުވެވަޑައިގެންފައެވެ.

މި ހަމަލާއާއެކު ހަތިޔާރު ގެންގުޅުމުގެ ޤާނޫނަށް ބަދަލުގެނައުމުގެ މަސައްކަތް ނިއުޒިލޭންޑުގެ ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އަސްކަރިއްޔާގައި ބޭނުންކުރާ ފަދަ ސެމީ އޮޓޯމެޓިކް އަދި އެސޯލްޓް ރައިފަލް ޢާއްމުކޮށް ވިއްކުން މަނާކުރުމަށް ނިއުޒިލެންޑުން ވަނީ ނިންމާފައެވެ. ނިއުޒިލެންޑްގެ މިހާރުގެ ޤާނޫނުތައް ބުނާގޮތުން ޢުމުރުން ސޯޅަ އަހަރުގައިވެސް ހަތިޔާރު ގެންގުޅުމުގެ ހުއްދަ އޮވެއެވެ. އެހެންކަމުން އެޕްރިލް މަހުގެ ތެރޭގައި ހަތިޔާރު ގަނެވިއްކާ ބޭނުންކުރާނޭ ގޮތާއި ގުޅުންހުރި އާ ޤާނޫންތަކެއް ވުޖޫދުވެގެންދާނޭކަމަށް އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވިވެފައިވެއެވެ.

ބޮޑު ވަޒީރު އާޑަރން ވަނީ ޓެރަރިސްޓް ހަރާކަތްތައް ހުއްޓުވުމަށް ސޯޝަލް މީޑިއާ ސައިޓްތަކުން ކުރާ މަސައްކަތްތައް އިތުރުކުރުމަށްވެސް ގޮވާލައްވާފައެވެ. އަދި ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ވަސީލަތްތަކަކުން މިފަދަ ކަންކަމުގައި ޒިންމާ އުފުލަން ޖެހޭނެ ކަމަށްވެސް އާޑަރން ވިދާޅުވިއެވެ.

މި ހަމަލާގައި ޝަހީދުވި އެންމެންގެ ޖަނާޒާގެ ހުރިހާކަމަކަށް ޚަރަދުކޮށްފައިވަނީ ސީދާ ނިއުޒިލޭންޑުގެ ސަރުކާރުންނެވެ. އަދި ޝަހީދުވި މީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ބޮޑު ވަޒީރު ވިދާޅުވެފައިވެއެވެ. މި ޓެރަރިސްޓް ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާތަކަށް ހިތްވަރުދިނުމާއި، އެމީހުންގެ ހިތާމައިގައި ބައިވެރިވުމުގައި އެންމެ ކުރީގައި ހުންނެވީވެސް އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާއެވެ.

އެކަމަނާގެ ސާބިތުކަމާއި ހިތްވަރަށް ދުނިޔޭގެ އެތަން މިތަނުން ދަނީ ތާރީފުގެ ބަސްތައް އޮހެމުންނެވެ. މުސްލިމުންނާމެދު އެކަމަނާގެ ހިތްޕުޅުގައި އޮތް ޤަދަރާއި އިޙްތިރާމް ކިތަންމެހާވެސް ސާފުކޮށް އެކަމަނާ އެގެންދަވަނީ ދައްކަވަމުންނެވެ. ޝަހީދުވި މީހުންގެ ޢާއިލާތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ވަރުބަލިކަމެއްނެތި އެކަމަނާ ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. މުޅި ދުނިޔެއަށް ހުރި ވަރުގަދަ މިސާލެއްގެ ގޮތުގައެވެ.

ކޮންމެއަކަސް މީގެ ހަފްތާއެއްކުރިން ނިއުޒިލޭންޑުގެ މުސްލިމުންގެ ލޮލުން ކަރުނަ އޮހޮރުވާލީ، ކުށެއްނެތް އެތައް މަޢުސޫމް ފުރާނަތަކެއް އެހާ ކުއްލިގޮތަކަށް މި ދުނިޔެއާއި ވަކިވުމުންނެވެ. ނަމަވެސް މިއަދު އެމީހުންގެ ލޮލަށް ކަރުނަ ޖަމާވީ އެމީހުންނަށްޓަކާ ނިއުޒިލޭންޑުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި އަޚުވަންތަކަމުގެ ކުލުނު ފެނިއެވެ. ހަމަލާދިންތާ 7 ދުވަސްފަހުން، ބޮޑު ޖަމާޢަތުގައި މިއަދު ކުރެވުނު ހުކުރު ނަމާދާއެކު އިސްލާމީ ސަފުތަކުގެ ބަދަހިކަމާއި ވަރުގަދަކަން ނިއުޒިލޭންޑުގެ މުސްލިމުން ސާބިތުކޮށްދީފިއެވެ.

އެދުވަހު އެމީހުން ރައްކާތެރިކޮށްދޭނެ ބަޔަކު ނެތެވެ. ނަމަވެސް މިއަދު މުޅި ނިއުޒިލޭންޑު އޮތީ މުސްލިމުންގެ ފަހަތުގައި، އެމީހުންގެ ހަށިފާރަވެރިންގެ ގޮތުގައެވެ. އެންމެހައި ޙަމްދު ސަނާއެއް ހައްޤުވެގެންވަނީ މަތިވެރި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ.