ކުރިއަށް އޮތް ދެހަފްތާއެއްހައި ދުވަހުގެތެރޭގައި މާލެ ސަރަހައްދުގައި މިސަރުކަރުން ފަށާ ފުރަތަމަ ހައުސިން މަޝަރޫއުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމް.ޑީ.ޕީން ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދިވެހި ރައްޔިތުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށާއި، މިކަމުގައި މާލޭގައި ރައްޔިތުންނަށްވެސް ބޮޑެތި ތަކުލީފުތަކެއް އެބަހުރިކަމަށެވެ. މީގެއަހަރުތަކެއް ކުރިން ހުޅުމާލެ ހިއްކައި ތަރައްޤީކުރަން ފެށި މަޤްސަދާއި ޚިލާފަށް ނިމިދިޔަ ބައެއް ސަރުކާރުތަކުން ޢަމަލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއަދާހަމައަށް އައިއިރުވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިވަނީ ކިތައް މީހުންކަން އެންމެ ރަނގަޅުގޮތުގައި ބެލިފައި ނުވާކަމަށެވެ.
ނަމަވެސް ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ ނިސްބަތް ދެނެގަތުމުގެ ދިރާސާތައް ނިމުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންގެ ޢަދަދާއި އެކަމަށް ބޭނުންވާ މީހުންތިބި ސަރަޙައްދުތައް ދެނެގަނެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންފައިވާ ހުރިހާ އެންމެނަށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނަން. އެއީ ވެށިފަހި މާލެކަމަށްވިޔަސް، އަދި ހިޔާ މަޝްރޫޢު ކަމަށްވިޔަސް، އޭގެ ދަށުން ފްލެޓަކަށް އެދިފަތިބި ހުރިހާ ފަރާތަކަށް އަޅުގަންޑުމެން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
ބޯހިޔާ ވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ހަދާފައިވާ ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދުގިނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެހަފްތާއެއްހައި ދުވަހުގެތެރޭގައި މާލެ ސަރަހައްދުގައި ފަށާ ފުރަތަމަ މަޝަރޫއުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މިމަޝްރޫޢުތައް ނިމުމުން މާލެ ސަރަހައްދުން ހެޔޮއަގުގައި ފްލެޓްލިބިގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙްވަނީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވިދުވަހު ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް ޢިމާރާތްކުރައްވައި ބޯހިޔާވަހިކަމުގެ އަގު ހެޔޮކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.