ޚަބަރު

ދުނިޔޭގެ ފެނުގެ ދުވަސް : "އެއްވެސް މީހަކު ބާކީ ނުކުރަމާ"


ދުނިޔޭގެ ފެންފަށަލަ ތުނިވުމާއި ތަޣައްޔަރުވުމަކީ މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލަ ޙައްލުކުރުމަށް ފެން ބޭނުންކުރާ އިންސައްތައާއި ފެނުގެ ކޮލިޓީ ކަށަވަރުކުރާ މިންވަރަށް، އެއްހަމައަކުން އިސްކަންދޭން ޖެހެއެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޢާރަކީ "ލީވް ނޯވަން ބިހައިންޑް" ނުވަތަ އެއްވެސް މީހަކު ބާކީ ނުކުރަމާތޯއެވެ.

މާޗް މަހުގެ 22ވަނަ ދުވަސް ދުނިޔޭގައި ފާހަގަކުރަމުންދަނީ ދުނިޔޭގެ ފެނުގެ ދުވަހުގެގޮތުގައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލުކުރުމަށް އދ.އިން ކުރާ މަސައްކަތުގައި ފެނުގެ މުހިއްމުކަމާމެދު ޢާއްމުން ހޭލުންތެރިކުރުވާ ފެން ރައްކާތެރިގޮތުގައި ބޭނުންކުރެވޭނެ ގޮތްތައް ދެނެގަނެ ފެނަށްޖެހިފައިވާ މީހުނަށް އެހީތެރިވުމާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަކީ މިދުވަސް ފާހަގަކުރުމުގެ މަޤުސަދެވެ. މިދުވަސް ފާހަގަކުރާތާ މިހާރު 26 އަހަރުވެފައިވާއިރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިމާވެފައިވާ ފެނުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިފައެއް ނުވެއެވެ.

މިއަހަރުގެ ފެނުގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި އދ.ގެ ފެނާބެހޭ އިދާރާ "ޔޫ.އެން ވޯޓަރ"އިން ކަނޑައަޅާފައިވަނީ "ލީވް ނޯވަން ބިހައިންޑް" ނުވަތަ އެއްވެސް މީހަކު ބާކީ ނުކުރަމާ، މިޝިޢާރެވެ. މިއަމާޒުގައި މިއަހަރު މަސައްކަތްކުރަމުންދާއިރު، 2030ވަނަ އަހަރު އަންނައިރު ދުނިޔޭގައި ތިބި އެންމެންނަކީ ސާފުބޯފެން ކަށަވަރުވެފައިވާ މީހުނަށް ހެދުމަކީ، އދ.އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ލަނޑު ދަނޑިއަށް ވާޞިލްވުމަށް ދުނިޔޭގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޢާއްމު ރައްޔިތުންނަށް ރައްކާތެރި ބޯފެން އެންމެ އެކަށީގެންވާގޮތުގައި ފޯރުކޮށްދިނުމަކީ ރާއްޖެއަށްވެސް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެކެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ފެންފަށަލަ މިހާރުވަނީ ތަޣައްޔަރުވެ ބުއިމަށާއި ކެއްކުންފަދަ ބޭނުންތަކަށް އެކަށީގެންނުވާ އެއްޗަކަށް ވެފައެވެ. ފެނުގެ ކުލަ ބަދަލުވެ ރަހައާއި ވަހަށް ބަދަލުއައުމުގެ ސަބަބުން ބައެއް ރަށްރަށުގައި ބިމުންނަގާ ފެން އެއްވެސް ބޭނުމަކަށް ކަމަކުނުދެއެވެ.

ތަރައްޤީއާއެކު ފެން ބޭނުންކުރާ ނިޒާމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ފެންލިބޭނެ ނިޒާމު ޤާއިމުކޮށްދިނުމަކީ ސަރުކާރުން ދޭ ޚިދުމަތަކަށް ބަދަލުވެފައިވާއިރު، ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށްވެސް މާލެއެކޭ އެއްގޮތެއްގައި ފެންފޯރުކޮށްދިނުމަށް ސަރުކާރުންވަނީ މަސައްކަތް ފަށާފައެވެ.

މިއާއެކު ކޮންމެ ގެއަކަށް ފެން ހޮޅިއަޅައި ސަރުކާރުން ފޯރުކޮށްދެމުންގެންދާ "ޑީސެލިނޭޓެޑް" ފެނަށް ހަމައެކަނި ބަރޯސާވެގެން ތިބޭ ތަށްރަށް ދާނީ އިތުރުވަމުންނެވެ. މިއީ އެންމެ ބުއްދިވެރިގޮތްތޯ ސުވާލު އުފައްދަން މިއަދު އެބަޖެހެއެވެ. ސަބަބަކީ 2014ވަނަ އަހަރު ވެރިރަށް މާލެއަށް ދިމާވި ފެނުގެ ކާރިސާގެ ތަޖުރިބާއެވެ. މުޅިމާލެ ފެނަށްޖެހި ފެނުންކުރަންޖެހޭ ޒަރޫރީ ބޭނުންތައްވެސް ނުކުރެވި އެތައް ދުވަހެއް ހޭދަވިއެވެ. މިފަދަ ޙާލަތެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ "ބެކަޕް ޕްލޭނެއް" ނެތެވެ.

ނަތީޖާއަކަށްވީ ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަންޖެހުމެވެ. ވަކި ޕްލޭނެއްގެދަށުން އަތޮޅުތަކުގެ ރަށްރަށް ތަރައްޤީވަމުންދާއިރު، މިފަދަ ކަންކަމަށް މިއަދު ވިސްނަންޖެހެއެވެ.

ދުނިޔޭގެ ފެނުގެ %97 ޙިއްސާކުރަނީ ކަނޑުތަކެވެ. ފެނުގެ %2 ހިފެހެއްޓިފައި ހުރީ އެކި ހިސާބުތަކުގައި ހުރި ގަނޑުފެނުގެ ގޮތުގައެވެ. ބިމުގައި ދައުރުވާ ފެނަކީ އެންމެ %0.61 އެވެ. ބާކީ ހިއްސާކުރަނީ ކުޅިތަކާއި ޗަސްބިންތަކާއި ބިމުގެ ތެތްކަމާއި ޖައްވާއި ކޯރުތަކުގައި ހިމެނޭ ފެނުގެ ނިސްބަތުގެ ގޮތުގައެވެ. އެހެންކަމުން ފެން އިސްރާފުނުކޮށް ރައްކާތެރިގޮތުގައި ފެން ބޭނުންކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިސްރާފުކުރެވޭ ކޮންމެ ފެންތިއްކަކީވެސް ތަޞައްވުރު ނުކުރެވޭހާ އަގުބޮޑު ނިޢުމަތެވެ.