ޚަބަރު

ހަކުރުބަލިން ރައްކާތެރިވުމަށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ - އަމީން


ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކަށް، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުކަމަށާ، މިކަން ޙައްލުކުރުމަށް ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް މިހާރުންމިހާރަށް ހަރުދަނާ ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙްކުރުމަށް މާލެއަތޮޅު ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ހަކުރުބަލީގެ ޤައުމީ ޕުރޮގުރާމުއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރެއިން އައި.ޖީ.އެމްއެޗް.އާ ގުޅިގެން ހަކުރުބަލިން ޢާއްމުން ރައްކާތެރިކުރުމަށާއި ހަކުރުބަލީގެ ފަރުވާގެ ޚިދުމަތްތައް ރާއްޖޭގައި ތަރައްޤީކޮށް ފުޅާކުރުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ވިދާޅުވީ ދުޅަހެޔޮ ސިއްޙަތެއްގެ "މޫ"، އޮތީ މުޖުތަމައުގެ ތެރޭގައިކަމަށެވެ. ހަކުރުބަލިފަދަ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމުގައި މުޖުތަމަޢުގެ އެންމެންނަކީވެސް ރަނގަޅު، ދިރިއުޅުމުގެ ވައްޓަފާޅިއެއްގެ މުހިންމުކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

"ދިރާސާ އަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ 100 މީހުންގެ ތެރެއިން 8 މީހުންނަކީ ހަކުރުބަލީގެ މީހުން. އަދި ކޮންމެ 10 މީހުންގެ ތެރެއިން 8 މީހުންނަކީ ބަރުދަން ހުންނަންޖެހޭ މިނަށްވުރެ ބަރުދަން މަތީގައި ތިބި މީހުން. އަދި ހަކުރުބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު 82 އިންސައްތަ މީހުން ވާކަމަށް ވަނީ ހާމަވެފައި. މި ޕްރޮގްރާމުގެ ތެރެއިން އިސްކަންދޭނެ އެއްކަމަކީވެސް ހަކުރުބަލިން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމްގެ މަޢުލޫމާތު ހިއްސާކުރައްވަމުން، އައިޖީއެމް ހޮސްޕިޓަލްގެ ފަރާތުން ވާހަފުޅުކަދެއްކެވި ޑރ.ޢަލީ ލަޠީފް ވިދާޅުވީ، މިޕްރޮގްރާމުގެ ދަށުން މިއަންނަ އޭޕްރީލްމަހު ދަރުމަވަންތަ ހޮސްޕިޓަލްގައި ވަން-ސްޓޮޕް ސެންޓަރެއް ޤާއިމުރކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ.

މީގެ އިތުރުން ހަކުރުބަލީގެ މީހުންނަށް ވަކި ހަމަތަކެއްގެ މަތިން ފަރުވާ ދެވޭނެ ގައިޑްލައިންތައް ތައްޔާރުކުރެވި އޭގެ ތަމްރީންތައް މުޅިރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާކަން ޑރ.ޢަލީ ލަޠީފް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ޕްރޮގްރާމްގެ ދަށުން ކަމާ ގުޅުންހުރި މުއައްސަސާތަކާއި އެކުގައި ހަރުބަލީގެ މީހުންގެ ދަފްތަރާއި، ރިސާރޗް އާއި ބައްޔާ ބެހޭ އިތުރު ދިރާސާތައް ކުރެވިގެންދާނެ. ހަމައެހެންމެ، މިބައްޔަށް ފަރުވާ ކުރުމުގެ ގޮތުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި އިތުރު ޚިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ރޭވިފައި. އަދި މިޚިދުމަތް ޒަމާނީ ފެންވަރެއްގައި ދިނުމަށްޓަކައި އޮންލައިން ޑައިބިޓީސް ކްލިނިކް އެއް ޤާއިމުކުރެވި، މާލޭގައި ތިއްބަވާ ޚާއްސަ ޑޮކްޓަރުންގެ ލަފާ އަތޮޅު ތެރޭގައި ތިބޭ ޑޮކްތަރުންނަށް ލިބިގެންދިއުމާއެކު، މިއަދު މިބޭއްވޭ ފަދަ ހަކުރުބައްޔަށް ޚާއްސަ ކޭމްޕުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި." ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

މާލެއަތޮޅު ތުލުސްދޫގައި ހުންނަ މާލެއަތޮޅު ތަޢުލީމީ މަރުކަޒު ހޯލްގައި ބޭއްވި މިރަސްމިއްޔާތުގައި ހަކުރުބަލީގެ ޤައުމީ ޕްރޮގްރާމް ފެށުމުގެގޮތުން ހެލްތް މިނިސްޓްރީންވަނީ ހަކުރު ޓެސްޓުކުރާ މެޝިންތައް އެރަށު ސިއްޙީ މަރުކަޒާ ހަވާލުކޮށްފައެވެ. މީގެ އިތުރުންހެލްތް މިނިސްޓްރީންވަނީ، ރާއްޖޭގެ ރަށްރަށުގައި ހަކުރު ބަލީގެ ޙާލަތު ދެނެގެތުމަށް ހަދާފައިވާ "ދަ އައިލެންޑް ސްޓަޑީ" ދިރާސާގެ ހޯދުންތައްވެސް ހިއްސާކޮށްފައެވެ.