ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ހުރި އިދާރީ ކަންކަމަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ފައިނަލް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަނުން ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އިލެކްޝަނުން ވަނީ މިއަދުގެ މެންދުރު ތިނެއް ޖެހުމާއި ހަމައަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.
ޕީއެސްއެމް ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ފައިނަލް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި އެ ކޮމިޝަނަށް ގިނަ ޢަދަދެއްގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކޮމިޝަނުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ އިދާރީ މައްސަލަތަކަށް ކަމަށްވީ ނަމަވެސް އިދާރީ ނޫން ކަންކަމަށްވެސް ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. ޝަރީފު ވިދާޅުވީ އިލެކްޝަނުން މިފަހަރު ބަލާނީ އިދާރީ ގޮތުން ހުށަހެޅިފައިވާ ޝަކުވާތަކަށް ކަމަށެވެ. އަދި އެ ނޫން އެހެން އެއްވެސް ޝަކުވާއެއް އިލެކްޝަނުން ނުބަލާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިރޭގެ ވަގުތެއްގައި ޝަކުވާތަކަށް ޖަވާބުދާރީވުމުގެ މަސައްކަތް އިލެކްޝަނުން ކުރާނެ ކަމަށާއި އެ މަސައްކަތް މިރޭ ނިންމާލުމަށްފަހު މާދަމާ ވޯޓަރސްގެ އެންމެ ފައިނަލް ލިސްޓު ޢާއްމު ކުރާނެ ކަމަށެވެ.
ވޯޓަރސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާ ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ.