ޚަބަރު

އިންސާނުންގެ ގުނަވަންތައް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރެވޭނެ އުސޫލެއް ކަނޑައަޅައިފި


އިންސާނުންގެ ގުނަވަންތައް ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރެވޭނެ އުސޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައިފިއެވެ.

އެޗް.ޕީ.އޭއިން މި އުސޫލު ހިމަނާފައިވަނީ އެ އެޖެންސީން އަލަށް އެކުލަވާލި ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އާންމު ޤަވާއިދުގައެވެ.

އެޗް.ޕީ.އޭ.އިން ވިދާޅުވީ މި އުސޫލުގެ ދަށުން މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން ބޭރު ކުރެވޭނީވެސް އަދި އެތެރެ ކުރެވޭނީވެސް "އޮތޮރައިޒޭޝަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ. މި ހުއްދަ ހޯދައިފައިވާކަން ކަށަވަރުނުކޮށް، އުޅަނދުގެ މާލިމީ ނުވަތަ އުޅަނދުގެ އެޖެންޓު ނުވަތަ އުޅަނދުގެ އޮޕަރޭޓަރު، އުޅަނދުގައި އެފަދަ އެއްޗެއް އުފުލުމަށް ފުރުޞަތުދިނުމަކީވެސް ޤާނޫނީ ކުށެކެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ އެއްހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން އެފަރާތެއް ޖޫރިމަނާކުރެވޭނެ ކަމަށްވެސް މި އުސޫލުގައި ބުނެފައިވެއެވެ.

މި އުސޫލުގެ ދަށުން މައްޔިތެއް ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ބައެއް ނުވަތަ ގުނަވަނެއް ރާއްޖެއިން، ބޭރަށް އެކްސްޕޯޓްކުރުމާއި ރާއްޖެއަށް އިމްޕޯޓްކުރުމުގެ މަސައްކަތް ކުރަންވާނީ އެޗް.ޕީ.އޭ ނުވަތަ ރަޖިސްޓަރީކޮށްފައިވާ އެޖެންޓެއް ނުވަތަ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާއެއް މެދުވެރިކޮށެވެ.

އެއް ޤައުމުން އަނެއް ޤައުމަށް ގެންދެވޭ މައްޔިތުންނާއި ހަށިގަނޑުގެ ބައިތަކުގައި ބައިނަލްއަޤްވާމީގޮތުން ބަލަންޖެހޭ ފަދަ ގައިންގަޔަށް އަރާ ބައްޔެއް ހުރިތޯ ނުވަތަ ނޫންތޯ ހެލްތް މިނިސްޓްރީގެ ކަމާބެހޭ ކައުންސިލުގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މާހިރެއް ނުވަތަ ޞިއްޙީ އިދާރާއަކުން ކަށަވަރުކޮށް، އެކަމާބެހޭ ފުރިހަމަ ލިޔުން "އޮތޮރައިޒޭޝަން ޓު އިމްޕޯޓް އެންޑް އެކްސްޕޯޓް ހިއުމަން ރިމެއިންސް" ހުއްދައަށް އެދުމުގެ ކުރިން އެޖެންސީއަށް ނުވަތަ އެ ސަރަޙައްދެއްގެ އިންޓަރނޭޝަނަލް ބޯޑަރ ހެލްތައް ހުށަހަޅަންޖެހޭނެއެވެ.