ޚަބަރު

އިރާނުގެ އަމާޒަކީ މުދަލާއި ޚިދުމަތްތަކުގެ އަގުހެޔޮކުރުން: ޚާމެނާއީ


އީރާނުން އިޤްތިޞާދީ އައު އަހަރާ ކުރިމަތިލާނީ މުދަލާއި ޚިދުމަތްތަކުގެ އަގު ދަށްކޮށް، އެ ޤައުމުގެ ފައިސާގެ އަގު ހެޔޮވަރު މިނެއްގައި ހިފެހެއްޓުމުގެ ޢަޒުމުގައިކަމަށް، އެ ޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމެނާއީ ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ އާ އަހަރާ ގުޅޭ ގޮތުން ދެއްވި ތަޤުރީރެއްގައި ޚާމެނާއީ ވަނީ، އެމެރިކާއިން އެ ޤައުމަށް ކުރިމަތިކުރި އެކި ފިއްތުންތަކާ އެ ޤައުމު ކުރިމަތިލީ ނުލާހިކު ކާމިޔާބުކަމާއެކުގައި ކަމަށް ސިފަކުރައްވައި، ބޭރުން އަންނަ އެފަދަ ފިއްތުންތަކުގެ ކުރިމަތީ ސާބިތުވެ ތިބުމަށްޓަކައި، އީރާނުގެ ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.

އިޤްތިޞާދީ އާ އަހަރާ ގުޅިގެން ދެއްވި މެސެޖެއްގައި އެ ޤައުމުގެ ރައީސް ޙަސަން ރޫޙާނީ ވަނީ، އެ ޤައުމަށް އިޤްތިޞާދީ ހުރަހެއް ކުރިމަތިވެފައިވާނަމަ އެ ކަމެއް ކުރިމަތިވެފައިވަނީ އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

އަދި ރޫޙާނީ ވަނީ، އެ ޤައުމުގެ ދާޚިލީ ހަމަނުޖެހުންތައް އެއް ފަރާތްކޮށް، ބޭރުން އެ ޤައުމަށް ނުރައްކާކުރާ ފަރާތްތަކާ ގުޅިގެން ކުރިމަތިލުމަށް އެ ޤައުމުގެ ސިޔާސީ ލީޑަރުންނަށް އިލްތިމާސްކުރައްވާފައެވެ.