ޚަބަރު

ޕާކިސްތާނުގެ ސަރުކާރުން މަސައްކަތްކުރަނީ ޖިނާއީ ކުށްތަކުގައި އަހަރެމެން ބައްދާލަން: ބިލާވަލް


ޕާކިސްތާނުގެ ސަރުކާރުން މަސައްކަތްކުރަނީ ޖިނާޢީ ކުށްތަކުގައި ސިޔާސީ ލީޑަރުން ބައްދާލުމަށް ކަމަށް، އެ ޤައުމުގެ މައި އިދިކޮޅު ޕާޓީގެ ލީޑަރު ބިލާވަލް ބުއްޓޫ ޒަރްދާރީ ވިދާޅުވެއްޖެއެވެ. ބިލާވަލް މި ތުހުމަތުކުރައްވާފައި މިވަނީ، ކޮރަޕްޝަންގެ މައްސަލަތައް ބަލާ މުވައްސަސާއަކަށް އޭނާ އާއި އޭނާގެ ބައްޕަ އަދި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރްދާރީ ހާޒިރުކުރެއްވުމުން، އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލާ މުވައްސަސާއެއްކަމަށްވާ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެ ދެ ބަފައިން ހާޒިރުކުރި ވަގިތު، ޕާކިސްތާން ޕީޕަލްސް ޕާޓީއަށް ތާއީދުކުރާ އެތައް ސަތޭކަ މީހުން އެ ސަރަހައްދަށް އެއްވެ، ޕާސްކިތާނުގެ މިހާރުގެ ބޮޑުވަޒީރު އިމްރާނާ ޚާންގެ އިސްތިޢުފާއަށް ގޮވާލާ ވަނީ އަޑުއުފުލާފައެވެ. މިކަމާ ގުޅިގެން ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ނެރުނު ބަޔާނެއްގައި ވަނީ، އެ މުވައްސަސާގެ ތަޙުޤީޤު ޓީމުން ބިލާވަލް އާއި ޒަރްދާރީއާ، ތިން މައްސަލައަކާ ގުޅޭގޮތުން ސުވާލުކޮށްފައިވާކަމަށެވެ.

ބިލާވަލް ބުއްޓޫ ޒަރްދާރީގެ މަންމަ އަކީ، 2007 ވަނަ އަހަރު އަވަހާރަކޮށްލި އެ ޤައުމުގެ ސިޔާސީ ލީޑަރު، ބޭނަޒީރް ބުއްޓޫއެވެ. ބުއްޓޫ އަވަހާރަކޮށްލުމުގެ ކުރިން ބިލާވަލްގެ ބައްޕަ އާސިފް އަލީ ޒަރްދާރީ ވަނީ، ކޮރަޕްޝަނާއި މަރުގެ ތުހުމަތެއްގައި، އެގާރަ އަހަރު، ޖަލުބަންދުގައި ހޭދަކުރައްވާފައެވެ. އެ ޢާއިލާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ހުރިހާ ތުހުމަތަކެއް އެ ޢާއިލާއިން ދޮގުކުރެއެވެ.