ޚަބަރު

ޒިޔާދާގެ ފިރިމީހާ ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތެއްނުވި


ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި އެއްވެސް ދަޢުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.

ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ހުރިހާ ޝަރީޢަތްތަކެއް ވަނީ ސިއްރު ކޮށްފައެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ޒިޔާދާގެ މަރާ ގުޅިގެން 2016ވަނަ އަހަރު ފުލުހުން ވިދާޅުވެފައިވަނީ ޑޮކްޓަރުގެ ފަރާތުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ޝާހު ޒިޔާދާއަށް ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށްފައި ވަނީ ދެމަފިރިން ވަކިން ދިރިއުޅެނިކޮށް ކަމަށެވެ. އެ ހާދިސާއަށް ފަހު ޒިޔާދާގެ ސިއްޙީ ޙާލަތު ދަށަށް ދިޔަ ކަމަށެވެ. އެކަމާ ގުޅިގެން ދެ ފަހަރެއްގެ މަތިން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަށް ޒިޔާދާ ދައްކާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް ވަނީ އަނިޔާ ލިބިފައެވެ.