ޚަބަރު

އިންޓަ ސްކޫލު ފުޓުބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ހިރިޔާ ސްކޫލުގެ ޓީމަށް އެ ސްކޫލުން ހޫނު މަރުހަބާއެއް ކިޔައިފި



15 އަހަރުންދަށުގެ އިންޓަސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ހިރިޔާ ސްކޫލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސްކޫލުން ވަނީ ޓީޗަރުންނާއި ސްކޫލްގެ ދަރިވަރުން ހިމެނޭގޮތަށް ސްކޫލަށް ރީތި ނަން ހޯދައިދިން ޓީމަށް ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގައި ސްކޫލަށް ޗެމްޕިއަން ޓީމްގެ ކުޅުންތެރިންނަށް ހާއްސަ ޝަރަފްގެ ބެޖް ސްކޫލުން ވަނީ ދީފައެވެ. އަދި ސްކޫލްގެ ޕްރިންސިޕަލާ ޗެމްޕިއަން ތަށި މި އެސެމްބްލީގެ ތެރެއިން ޓީމުން ވަނީ ހަވާލުކޮށްފައެވެ.

އެސަމްބްލީއަށް ފަހު ވާހަކަދައްކަވަމުން ޑެޕިއުޓީ ޕްރިންސިޕަލް އަލީ މަމްދޫހު ވިދާޅުވީ ހިރިޔާ ސްކޫލްގެ މަގުސަދަކީ ރާއްޖޭގެ ގައުމީ ޓީމަށް ވީހާވެސް ގިނަ ކުޅުންތެރިން ހިރިޔާއިން އުފެއްދުންކަމަށެވެ. އަދި މިހާރުވެސް ފަނައަހަރުން ދަށުގެ ގައުމީ ޓީމްގައި ހިރިޔާގެ ކުޅުންތެރިން ހިމެނުމަކީ ސްކޫލަށް ލިބޭ ފަހުރެއް ކަމަށާއި، މި ކާމިޔާބީއާއެކު އިތުރު ކުޅުންތެރިން ގައުމީ ޓީމްގައި ހިމެނޭނެކަމުގެ އުންމީދު އެބައޮތްކަމަށެވެ.

މަމްދޫހް ވިދާޅުވީ މުސްތަގުބަލަށް ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަކީ ހިރިޔާގެ އަމާޒެއް ކަމަށާއި، މިކާމިޔާބީއަކީ ކުޅުންތެރިންގެ ކުރިމަގަށް ހޯދައިދެވުނު ފުރުސަތެއްކަމަށެވެ. އަދި މިފަހަރުގެ މުބާރާތުން ހޯދި ކާމިޔާބީއަކީ ގިނަ ބަޔަކު ގިނަ އަހަރުތަކެއް ވަންދެއް ކުރި ބުރަ މަސައްކަތުގެ ނަތީޖާކަންވެސް މަމްދޫހް ފާހަގަކުރެއްވިއެވެ.