ޚަބަރު

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދައިފި



ހަތްވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދައިފިއެވެ.

އެމްޕީއެލްއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެމްއޭސީއެލް އާއި ވާދަކޮށް 2-1 ޓޭބަލްއިން މެޗް ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ ނެރެން ކުޅުނު ފަހު ޓޭބަލް އެމްޕީއެލްއިން ކާމިޔާބުކުރީ އެމްއޭސީއެލް ލީޑުގައި އޮށްވައި ފަހަތުން އަރާ 7-5ގެ ނަތީޖާއަކުންނެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އެމްޕީއެލްގެ ކެޕްޓަން ޢަބްދުﷲ އަފީފް ބުނީ، ގުރޫޕް ސްޓޭޖުގައި ސީދާ ތިން ޓޭބަލްއިން އެމްއޭސީއެލް ބަލިކުރެވިފައި އޮތުމުން، ފައިނަލް މެޗަށް ނިކުތް އިރުގައިވެސް މަދުވެގެން ދެޓޭބަލް ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދޭނެކަމުގެ ވަރަށް ބޮޑު ޔަގީކަމެއް އޮތް ކަމަށާއި، ނަމަވެސް މެޗު ދިޔައީ ހީކުރިވަރަށް ވުރެ މާ ވާދަވެރިކޮށް ކަމަށެވެ.

އަފީފް ބުނީ، މިފަހަރުގެ މުބާރާތަށް ޓިމު ނިކުތީވެސް ރަނގަޅު ކާމިޔާބީއަކަށް އަމާޒު ހިފައިގެން ކަމަށާއި، އެގޮތުން ބޭރުން ކުޅުންތެރިއަކު ހިމެނުމަށް މެނޭޖްމަންޓުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށެވެ.

"މެޗަށް ނިކުތް އިރުވެސް އޮތް ވަރަށް ބޮޑު ޔަގީންކަމެއް ދެތޭބަލް ނަމަވެސް ގެނެވޭނެ ކަމަށް، އެއީ ދެޓެބަލް ގެނައިމަ އެބަ މެޗު ކާމިޔާބު ކުރެވޭ، ދެން ގުރޫޕް ސްޓޭޖުގަ ސީދާ ތިން ޓޭބަލްއިން އެމްއޭސީއެލް ބަލިކުރެވުނު، އެހެންވެ އެހާބޮޑު ޔަގީންކަމެއް ލިބުނީވެސް، އެކަމު ހީކުރިވަރަށްވުރެ މާ ބޮޑަށްވެސް ވާދަވެރިކޮށް މިދިޔައީ." އަފީފް ބުންޏެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އެމްއޭސީއެލްގެ ކެޕްޓަން އިސްމާޢިލް ސުވައިދު ބުނީ، ފައިލުން ބަލިވި ކަމުގައި ވިޔަސް މާބޮޑު މާޔޫސްކަމެތް ކަމަށާއި، މިއީ މިހާތަނަށް މުބާރާތުގައި އެމްއޭސިއެލްއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވުމުން ހިތްހަމަޖެހޭ ކަމަށެވެ. ސުވައިދު ބުނީ، މުބާރާތުގައި މީގެ ކުރިން ވާދަކުރި ތިންފަހަތުވެސް ފުރަތަމަ ބުރުން ނޮކްއައުޓްވީ ކަމަށާއި، އެހެންކަމުން މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަސްލު އަޅުގަނޑުމެން މީގެ ކުރިން ބައިވެރިވި ތިންފަހަރުވެސް ފުރަތަމަ ބުރުން ނޮކްއައުޓް ވެގެން ނިންމާލަން ޖެހުނީ، ދެން މިފަހަރު ފައިނަލުގެ ކުޅުނީމަ އަސްލު ވަރަށް ބޮޑު ކުރިއެރުމެއް ގޮތަށް ދެކެނީ." ސުވައިދު ބުންޏެވެ.

ޖުމްލަ 13 އޮފީހަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރިއިރު، ފިރިހެން ސިންގަލްސްބައިން ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލްގެ އިސްމާޢިލް ސުވައިދް އެވެ. މިބައިން ރަނަރަމް ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޢަބްދުﷲ އަފީފެވެ. ތިންވަނަ ލިބުނީ އެމްއައިބީގެ ޝިފާއު ޢަބްދުﷲ އަށެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ސީއާރުސީގެ އާމިނަތް ހަލީމް ހޯދިއިރު، ރަނަރަޕް ކުޅުންތެރިއަކީ އެމްއައިބީގެ ޒުލައިޚާ ހަބީބެވެ. މިބައިން ތިންވަނައަށް ދިޔައީ ސީއާރުސިގެ މަރްޔަމް ހުދައިނާއެވެ.
މުބާރާތުގެ ޓިމް އިވެންޓް ބައިން ތިންވަނަ ލިބުނީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރުސީ) އަށެވެ.