ޚަބަރު

އިންޑިއާގެ ޕެނަކަލް ޓީޓީ އެކަޑަމީ އާއިއެކު ޓީޓީ އެސޯސިއޭޝަނުން އެއްބަސްވުމެއްގައި ސޮއެކޮށްފި



އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތާއްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންޑިއާގެ ޕެނަކަލް ޓޭބަލްޓެނިސް އެކަޑަމީއާއިއެކު ޚާއްސަ އެއްބަސްވުމެއްގައި ސޮއީކޮށްފިއެވެ.

މި އެއްބަސްވުމުގެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެސޯސިއޭޝަންގެ ނާއިބު ރަޢީސާ ޒުލައިޚާ އިބްރާހީމް އެވެ. ޕެނަކަލް އެކަޑަމީގެ ފަރާތުން ސޮއެކުރެއްވީ ކޯޗް އަމިތު ކުމާރެވެ.

މިފަހަރުގެ އައިއޯއައިޖީ އަށް ފަރިތަކުރުންތައް ފަށާފައިވާ ގައުމީ ޓޭބަލް ޓެނިސް އަންހެން ޓީމުން ރަން މެޑައްޔަކަށް އަމާޒު ހިފާފައި ވާއިރު، ފިރިހެން ޓީމުން ވަނީ ދަށްވެގެން ބްރޯންޒް މެޑަލްއަކަށް އަމާޒު ހިފާފައެވެ.

މީޑިއާތަކާއި ވާހަކަ ދައްކަމުން ޓީޓީ އެސޯސިއޭޝަނުން ޖެނެރަލް ސެކެޓްރީ އިސްމާޢިލް ސުޖާއު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕެނަކަލް އެކަޑަމީގެ ކޯޗުން ރާއްޖެއައިސް ކުޅުންތެރިން ތަމްރީން ކުރަމުންދާނެކަމަށެވެ. އެގޮތުން މިހާރުވެސް ޕެނަކަލް އެކަޑަމީގެ ފަރާތުން އެއް ކޯޗަކުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

"މިވަގުތު އެންމެ ކޯޗެއް ހުއްޓަސް އަދި އިތުރު ކޯޗުންވެސް އަންނަ ގޮތަށް ހަމަޖެހިފައި އޮތީ، އަދި ގާތްގަނޑަކަށް ރޯދައިގެ ފަހުން، ޓީމު އެކުލަވާލުމަށްފަހު ކުޅުންތެރިން އިންޑިއާއަށްގޮސް އެކްސްޖޭންޖް ޕްރޮސެސްއެއްގޮތަށް އެކަޑަމީގައި ތަމްރީންތަށް ފުރިހަމަ ކުރުމަށްވެސް ވަނީ ހަމަޖެހިފައި." ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް ތާންގައި އިތުރު ކޯޗުންނާއި އެކު އެކަޑާމީގެ ކުޅުންތެރިންވެސް ރާއްޖެ އަންނާނެކަމަށާއި އަދި، ރާއްޖޭގެ ކުޅުންތެރިންވެސް އިންޑިއާއަށްގޮސް ތަމްރީތައް ފުރިހަމަކުރުމަށް ހަމަޖެހިފައިވާކަމަށެވެ.