ޚަބަރު

ކެޕްޓަން އަސަދުﷲ ޢަބްދުﷲ މާޒިޔާ އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފި.



މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އެކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކޮށްފިއެވެ.

2012 ވަނަ އަހަރު މާޒިޔާއާއި ގުޅުނު ފޯވާޑް ކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރީ އިތުރު 3 އަހަރަށެވެ. އދ. މަހިބަދޫ އަށް އުފަން އަސަދުﷲގެ ކުޅުން މާޒިޔާގައި އެންމެ ބޮޑަށް ފާހަގަވާންފެށީ 2014ވަނަ އަހަރުއެވެ.

އޭނާވަނީ އަހަރުގެ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2014ވަނަ އަހަރާއި 2016ވަނަ އަހަރު ހޯދާފައެވެ. މިދިޔަ ސީޒަންގެ ކުރީކޮޅު އަސަދުﷲގެ ކުޅުން ފެނުނީ ފަނޑުކޮށެވެ. 2017ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު އޭނާ ކުޅުމުގެ ތެރެއަށް އައީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް ކުރީގެ މޮޅު ކުޅުން އޭނާއަށް ތަކުރާރެއް ނުކުރެވުނެވެ.

އެހެންނަމަވެސް އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނި ޤައުމީ ޓީމާއިއެކު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މާޒިޔާއިންވަނީ އެ ކުލަބުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއްގެ ކޮންޓްރެކްޓް އާކޮށްފައެވެ.