ޚަބަރު

ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤަވާޢިދެއް އެކުލަވާލައިފި


ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޢާންމު ޤަވާއިދެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެކުލަވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ، މިފަދަ ޤަވާއިދެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ބައިނަލްއަޤްވާމީ ދަތުރުތައްކުރާ ކަނޑާއި، ވައިގެ އެންމެހައި ބަނދަރުތަކާއި، ބައިނަލްއަޤްވާމީ ދަތުރުތަކުގައި އައިސް، ގޮސް ހަދާ އެންމެހައި އުޅަނދުތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަނދަރުތަކުގެ ޞިއްޙީ މިންގަނޑުތައް އެކަށައަޅައި ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތަކުން ދަތުރުކުރާ ފަރާތްތަކުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމާއި ބަނދަރުތަކުން އިމްޕޯޓްކުރެވޭ ތަކެއްޗާއި އެކްސްޕޯޓުކުރެވޭ ތަކެތީގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ކުރިމަތިވިޔަ ނުދިނުންކަމަށެވެ.

މިޤަވާޢިދުގެ ދަށުން ބައިނަލްއަޤްވާމީ ބަނދަރުތަކަކީ އެތަންތަނުގެ ބޭނުންހިފާ މީހުންނަށް ޞިއްޙީގޮތުން ރައްކާތެރި ތަނަކަށް ވާންވާންޖެހެއެވެ. މި ޤަވާޢިދު ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ އެޗް.ޕީ.އޭގައި އުފައްދާ އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ސެކްޝަނުގެ ބެލުމުގެ ދަށުން މަސައްކަތްކުރުމަށް އެސަރަހައްދަކަށް ކަނޑައެޅިފައިވާ "އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓް"ތައް މެދުވެރިކޮށެވެ. އަދި ބަނދަރުތައް އޮޕަރޭޓުކުރާ ފަރާތްތަކާއި ބަނދަރުތަކުގައި މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން، އެ ބަނދަރުތައް އޮޕަރޭޓުކުރާހާ ހިނދަކު ނުވަތަ އެ ބަނދަރުތަކުގައި މަސައްކަތްކުރާހާ ހިނދަކު އިންޓަރނޭޝަނަލް ބޯޑަރ ހެލްތަށް ބޭނުންވާ އަސާސީ އިންތިޒާމުތައް ހަމަޖައްސައިދީ، އެކަމުގައި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭނެއެވެ.

ބަނދަރުތަކަށް އަންނަ މީހުންނާއި ފުރާމީހުންގެ ތެރެއިން ގައިންގަޔަށް އަރާ ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން ދެނެގަތުމަށާ، އެފަދަ މީހުން ސްކްރީންކުރުމަށް ބޭނުންވާނެ ތަންތަނާއި އެފަދަ މީހުން ބަނދަރުގެ އެއްތަނުން އަނެއްތަނަށް ގެންދެވޭނެ ދަތުރުފަތުރުގެ އިންތިޒާމްތަކާއި ބައިތިއްބާނެ ތަންތަން ހަމަޖައްސައިދިނުމަކީ ބަނދަރު އޮޕަރޭޓްކުރާ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި ޖަރާސީމުގެ އަސަރުކޮށްފައި ހުރެދާނެ އުޅަނދުފަހަރާއި މުދަލާއި ތަކެތި، އެހެންތަނަކަށް ގެންދެވެންދެން ނުވަތަ ޞިއްޙީގޮތުން ރައްކާތެރިކަން ކަށަވަރުކުރެވެންދެން ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމްތައް އެބަނދަރެއް އޮޕަރޭޓްކުރާ ފަރާތަކުން ހަމަޖައްސަންޖެހެއެވެ. ހަމައެހެންމެ ބަލިޖައްސާ އަދި ބަލިފަތުރާ ސޫފާސޫފި ނައްތާލުމާއި ކޮންޓްރޯލްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކުން ކަނޑައަޅާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ބަނދަރުތައް ހިންގާ ފަރާތުން ކުރަންޖެހެއެވެ.

ރާއްޖެ އަންނަ އުޅަނދުފަހަރާއި ފުރާ އުޅަނދުފަހަރުތައް ފަސިންޖަރުންނާއި ފަޅުވެރިންނާ ގުޅޭގޮތުން ޞިއްޙީގޮތުން ބަލަންވާ ކަންކަން ބެލުމަށްފަހު ހެލްތު ކްލިއަރެންސް ލިބުމުން ނޫނީ އުޅަނދުފަހަރާއި މީހުން ދިވެހިރާއްޖެ އެތެރެވުމަށާއި ފުރުމަށް ހުއްދަ ދޫކޮށްގެން ނުވާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.