ޚަބަރު

މިިދިޔަ މަހުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަ


މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ޖުމްލަ 213 މައްސަލައަށް ރިޕޯޓުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު އެ މިނިސްޓްރީއަށް ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު އޭގެ ކުރީމަހާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަމަހު 213 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ޖެނުއަަރީމަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ 274 މައްސަލައެވެ.

މިދިޔަމަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅު މައްސަލަތަކުގެ ތެރެއިން 49 އިންސައްތައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 32 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 26 މައްސަލައާއި ޖިންސީ ހާނީއްކައިގެ 22 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހުގެ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 8 މައްސަލައަކާއި ނަފްސާނީ ހާނީއްކައިގެ ފަސް މައްސަލައަކާއި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 5 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލައަކާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ ދެ މައްސަލައަކާއި، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުންކުރުމުގެ އެއް މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ މައްސަލަތަކެވެ. އެގޮތުން މިފަދަ 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައެއް ހިމެނެއެވެ.

މީގެ އިތުރުން ޢާއިލީ މައްސަލަތަކުގެ ގޮތުގައި 26 މައްސަލެއް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހު ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 12 މައްސަލައަކާއި، ކުދިން ބެލުމުގައި ދިމާވާ 9 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ދެ މައްސަލައެއް ހިމެނެއެވެ.