ޚަބަރު

ޕާކުކޮށްފައިހުރި ސައިކަލްތަކެއްގައި ރޯކޮށްލައިފި


މާލޭގެ މަގުމަތީގައި ޕާކުކޮށްފައިހުރި ސައިކަލްތަކެއްގައި ރޯކޮށްލައިފިއެވެ.

ރޭ ދަންވަރު އަލިފާން ރޯކޮށްލާފައިވަނީ މާފަންނުގައި ހުންނަ އިހުސާން ފިހާރަ ކައިރީގައި ހުރި ސައިކަލްތަކެއްގައެވެ. މިހާދިސާގައި ހަ ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި އިތުރު ދެ ސައިކަލަކަށްވެސް ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މީގެ އިތުރުން މި ހާދިސާ ހިނގި ސަރަޙައްދުގައި ހުރި މ.ސަބުދެލި ގޭގެ ތިރީގައިހުރި ގަރާޖުގެ ތެރޭގައި އަޅާފައިހުރި ހޮޅިތަކެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.

މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 03:46 އެހާކަންހާއިރުކަމަށާއި، މި ހާދިސާގެ ރިޕޯޓު ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އެތަނަށްގޮސް ސައިކަލް ތަކުގައި ރޯވި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.