ސިޔާސީ

އެޗްއާރުސީއެމުން މިނިވަން ކެނޑިޑޭޓުންނާ ބައްދަލުކޮށް މަޝްވަރާކުރަން ނިންމައިފި


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފަރާތްތަކާއި ބައްދަލުކުރަން ނިންމާފައިވާ ކަމަށް ހިޔުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ވިދާޅުވެއްޖެއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ މިނިވަން ކެނޑިޑޭޓުންނާއި ބައްދަލު ކުރަން ނިންމެވީ ރައްޔިތުންނަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މިންވަރު ބެލުމާއި ވޯޓުދިނުމުގައި ނުފޫޒު ފޯރުވާފައިވާ މިންވަރު ބެލުމުގެ އިތުރުން މަޖިލިސް އިންތިޚާބަކީ މިނިވަން އިންސާފްވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް މަޝްވަރާ ކުރުމަށްކަމަށެވެ.

އެޗްއާރްސީއެމުން ވަނީ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުން ނުވަތަ އެ ކެނޑިޑޭޓެއްގެ ފަރާތުން ކޮމިޝަނާ ބައްދަލު ކުރާނެ ފަރާތެއްގެ ނަން އެކޮމިޝަނަށް ފޮނުވައި ދެއްވުމަށް އެދިލައްވާފައެވެ. އަދި އެފަރާތްތަކާއި ބައްދަލުކުރާނެ ތަނަކާއި ތާރީޚް ފަހުން އިއުލާން ކުރައްވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 398 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މީގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރާ 167 ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 231 ކެނޑިޑޭޓުންނެވެ.

އިންތިޚާބުގައި ވޯޓު ލުމަށް ބޭނުންކުރާ ވޯޓު ކަރުދާސްތައް ޕްރިންޓް ކުރަން ހަވާލުކޮށްފައިވުމުން ނަން އަނބުރާ ގެންދިޔުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބަންދު ކޮށްފައެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

ވޯޓަރސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ. މިފަހަރުގެ މަޖިލީހަށް ދެ ދާއިރާއެއް ވަނީ އިތުރުކޮށްފައެވެ. އެއީ މައްޗަންގޮޅިއަށާއި ހެންވޭރަށެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި 87 މެންބަރުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރާނެއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު 264،589 (ދުއިސައްތަ ފަސްދޮޅަސް ހަތަރު ހާސް ފައްސަތޭކަ އަށްޑިހަ ނުވަ) މީހަކަށް ލިބިގެންވެއެވެ. އަދި މުޅިން އަލަށް 2336 (ދެހާސް ތިންސަތޭކަ ތިރީސް ހަ) މީހުން މިއިންތިޚާބުގައި ވޯޓުލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.