ޚަބަރު

15 އަހަރުންދަށުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފި


އިމާދުއްދީން ސްކޫލް ބަލިކޮށް މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފިއެވެ.

ހިރިޔާ ސްކޫލުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ފަސް ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްގެންނެވެ.

މި މެޗުގައި ހިރިޔާ ސްކޫލުން ޖެހި ފުރަތަމަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން މުހައްމަދު އަދްޔާން ނިޔާޒް ޖަހައިދިން ލަނޑެކެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހު އިމާދުއްދީންގެ މުހައްމަދު ނާއިޝް އަސްޖަދު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިމެޗުގައި ހިރިޔާއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އިސްމާއިލް އީކާން ބިން އަލީއެވެ. އޭނާ ވަނީ މި މެޗުގައި ހެޓްރިކްވެސް ހަދާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެތެރޭގައި އިމާދުއްދީންގެ މުހައްމަދު ނާއިޝް އަސްޖަދު ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ.

މެޗުގައި ހިރިޔާ ސްކޫލުން ޖެހި ފަހު ތިން ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު އަދްޔާން ނިޔާޒް އަދި ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި އިސްމާއިލް އީކާން ބިން އަލީއެވެ.

މުބާރާތުގެ ފަނަރަ އަހަރުން ދަށުގެ ފައިނަލް މެޗު ނިމުމާއެކު ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް ތައްޓާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލެވެ. އަދި 16 ލަނޑު ޖަހައިގެން މި އުމުރުފުރާގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ހިރިޔާ ސްކޫލުގެ އިސްމާއިލް އީކާން ބިން އަލީއެވެ.

15 އަހަރުން ދަށުގެ ބައިން އެންމެ މޮޅު އެގާރަ ކުޅުންތެރިންނަކީ ހިރިޔާ ސްކޫލްގެ އިސްމާއިލް އީކާން ބިން އަލީ، އައިހަމް ހަމްދޫން، މިފްރާހް އަބްދުލް މުހްސިން، ޣާޒީ ސްކޫލްގެ ހަސަން އަޒޫމް އަލީ، އަހުމަދު އީރަސްގެ އިތުރުން މަޖީދިއްޔާ ސްކޫލުގެ ހުމައިދު ހުސައިން، އަޙުމަދު މާއިޝް މުހައްމަދު އަދި އިމާދުއްދީންގެ މުޙައްމަދު އީކާން މަތީން އާއި ރެހެންދި ސްކޫލްގެ މުޙައްމަދު ދައިފް ޝަމޫން އާއި އަމީނިއްޔާ ސްކޫލުގެ މުޙައްމަދު އަބާން އަރީފްއެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރުގެ މަޤާމް ހޯދީ ހިރިޔާ ސްކޫލްގެ ކީޕަރ މުޙައްމަދު ޝިމަންއެވެ.

މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 18 އަހަރުން ދަށެވެ. 15 އަހަރުން ދަށުގެ ބައިގައި މިފަހަރު ޖުމްލަ 16 ސްކޫލަކުން ބައިވެރިވިއެވެ. އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިހާރު ކުރިޔަށްދަނީ އަށާރަ އަހަރުން ދަށުގެ މެޗުތަކެވެ.