ސިޔާސީ

އެމްއައިޓީޑީސީގެ ބަޖެޓުން ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދިކަން ފެންމަތިވެއްޖެ


މިދިޔަ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮމްޕަންޓް ކޯޕަރޭޝަން އެމްއައިޓީޑީސީގެ ބަޖެޓުން ސިޔާސީ ޕާޓިއެއްގެ އޮފީސް ހެދުމަށް ހަރަދުކޮށްފައިވާ ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ އޮފީސް ހެދުމަށް އެކުންފުނީގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން އޯޑިޓް ރިޕޯޓް އެނގެން އޮތް ކަމަށެވެ.

އެމްއައިޓީޑީސީގެ އޯޑިޓް ރިޕޯޓްގައިވަނީ އެތަނުގެ މަރާމާތުގެ ގޮތުގައި 1.998 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށާއި، ނަމަވެސް އެއީ ސީއެސްއާރުގެ ގޮތުގައި ޚަރަދުކުރި ފައިސާ ކަމަށް ފަހުން ބުނެފައިވާ ކަމަށެވެ. އަދި އެ ޚަރަދާއި ގުޅޭ ލިޔެކިޔުންތައް ނެތުމުން އެއީ ސީއެސްއާރަށް ކުރި ހަރަދުކަން ދެނެގަނެވިފައި ނުވާ ކަމަށް އޯޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ރާއިދު ވިދާޅުވީ އޯޑިޓް ރިޕޯޓާއި ގުޅިގެން އެ ކުންފުނީގެ ލިޔެކިޔުންތައް ބެލުމުން އެ ޚަރަދަކީ އޮފީސް މަރާމާތަށް ބޭނުންކޮށްފައިވާ ފައިސާ ނޫންކަން އެނގުނު ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެއާއެކު މިދިޔަ ޖެނުއަރީ މަހު އެކުންފުނީގެ ބޯޑު މެމްބަރަކާއި އިތުރު މުވައްޒަފަކު ސަސްޕެންޑުވެސް ކޮށްފައިވާ ކަމަށް ރާއިދު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމްއައިޓީޑީސީ ފައިސާ ބޭނުން ކޮށްގެން ހަދާފައި ވަނީ ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފާއެވެ.

އެމްއައިޓީޑީސީއަކީ ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ ބަޖެޓުން ހޭދަކޮށްފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްގެ އޮފީސް ހެދުމަށް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.