ޚަބަރު

ސަގާފީ ތަރިކައިގެ ބިލަށް އާއްމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުޅުވާލައިފިއެވެ.

ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި، ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، އެފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އެގޮތުން ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރު ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލުގެ ދެލި ކޮޕީ މިހާރު ވަނީ ތައްޔާރުކޮށް ނިމިފައެވެ. އަދި މި ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 20 އިން 28 އަށް ވަނީ ހުޅުވާލާފައެވެ.

މި ޤާނޫނުގެ ދަށުން ރާއްޖޭގެ ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗެއް ނުވަތަ ތަނެއް ނުވަތަ ސަރަޙައްދެއް ހަލާކުކޮށް، ގެއްލުންދީ ނުވަތަ ނެތިކޮށްލުމަށް މަސައްކަތް ކުރުމަކީ ޤާނޫނީ ކުށެކެވެ. އަދި ތަރިކައިގެ ތެރޭގައި ހިމެނޭ އެއްވެސް އެއްޗަކަށް ބަދަލުގެނެސް، ނުވަތަ އެ އެއްޗެއްގެ އަސްލު އޮޅުވާލުން ނުވަތަ އުނިއިތުރު ގެނައުމަކީވެސް ޤާނޫނީ ކުށެކެވެ. އަދި އެފަދަ ކަމެއްކޮށްފިނަމަ އެ ސަގާފީ ތަރިކައިގެ ފާހަގަކުރެވޭ ސަގާފީ އަގަށް ބަލާ، އެއްލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. ނުވަތަ 5 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކާ، ރާއްޖޭގެ ސަގާފީ ތަރިކަ ކަމަށް ބެލެވޭނެ ތަންތަނާއި ސަރަޙައްދުތައް ކަނޑައަޅާ، އެފަދަ ތަރިކަ ރައްކާތެރިކޮށްދިނުމަށްޓަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި މިކަންކަމުގައި ދަޢުލަތާއި އަމިއްލަ ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ރާއްޖޭފެ ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަގޮތަކަށް ކުރެވޭ ކުށްތަކަށް އަދަބު ކަނޑައެޅުމާއި، ރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމަކީވެސް މިފަދަ ޤާނޫނެއް އެކުލަވާލުމުގެ މަޤްސަދެކެވެ.

މި ޤާނޫނުގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރުމާއި، ބެލެހެއްޓުމާގުޅޭ އެންމެހާ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ. އަދި ޤައުމީ ތަރިކައިގެ ޙާލަތާއި، އެފަދަ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކާ "ކަލްޗަރަލް ހެރިޓޭޖް ޕްރޮޓެކްޝަން އެޖެންސީ"ގެ ނަމުގައި އެޖެންސީއެއް އެކުލަވާލަންޖެހެއެވެ. ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ބާރުވެސް އަލަށް އެކުލަވާލާ ޤާނޫނުގެ ދަށުން މި އެޖެންސީއަށް ދީފައިވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ ކަންކަމަށް ޚަރަދުކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑެއް ޤާއިމުކުރުމާއި، ސަގާފީ ތަރިކަ ދަފްތަރުކުރުމާއި ގިންތިކުރުމުގައި ގެންގުޅޭނެ އުޞޫލުތަކާއި މިންގަނޑުތައްވެސް ތަރިކައިގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.