ސިޔާސީ

ދެއްވަދޫ ރައްޔިތުންނަށް ދިމާވާ ދަތިތައް ރައީސަށް ޙިއްޞާކުރައްވައިފި


ގއ. ދެއްވަދޫގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހާ ޙިއްޞާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެއްވަދޫ ކައުންސިލާއި އެކު ރައީސް ޞާލިޙު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްވަދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، އެރަށުގެ މިހާރުގެ ހާލަތާއި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސަށް ޙިއްޞާ ކުރައްވާފައެވެ.

އެގޮތުން ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުން ކަމަށާއި، ނަރުދަމާ ޤާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއްވެސް ބޭނުންވާކަން ދެއްވަދޫ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެއްވަދޫއަށް ދިމާވާ ކަރަންޓުގެ ދަތިކަމާއި، ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން އެރަށުން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

ދެއްވަދޫގެ ކައުންސިލް މެންބަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އެރަށުގައި ބޭންކިންގ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ އިތުރުން، އެރަށުގެ ޞިއްޙީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެ ކައުންސިލުން ވަނީ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންކުރާ ފުޓްބޯޅަދަނޑު ތަރައްޤީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެއްވަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.