ވިޔަފާރި

ބަހަށް ފައިސާ ދައްކާ ކާޑު ރީލޯޑް ކޮށްދޭނެ ތިން އެޖެންޓަކު ހޯދަނީ


މާލެއިން ހުޅުމާލެއަށް ދެމުންދާ ބަހުގެ ޙިދުމަތުގައި ފައިސާ ދައްކަން ބޭނުންކުރާ "ޓަޗް ލިންކް" ކާޑު ރީލޯޑް ކޮށްދޭނެ ތިން އެޖެންޓަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާންކޮށްފިއެވެ.

އެމްޕީއެލް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބަސް ދަތުރު ކާޑު ރީލޯޑް ކުރުމުގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން މިމަހު 24 ވާ އަންގާރަ ދުވަހުގެ ކުރިން މައުލޫތު ސާފުކުރަން އެދޭކަމަށެވެ. އަދި މިމަހުގެ 28 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށްވެސް އެމްޕީއެލްގެ އިޢުލާންގައި ވަނީ ބުނެފައެވެ.

ސިނަމާލެ ބުރިޖް ހުޅުވުމަށްފަހު ހިލޭ ދަތުރު ކުރާތާ ގިނަ ދުވަސްތަކަކަށް ފަހު ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބުރިޖު މަތިން ކުރާ ބަސް ދަތުރުތަކަށް 10 ރުފިޔާ ނަގަން ވަނީ ފަށާފައެވެ. އެ އަގު ނަގަން ފަށާފައިވަނީ އެކަމަށް ހާއްސަކޮށްފައިވާ ޗަޓް ލިންކް ކާޑުންނެވެ. މި ކާޑު ހައްދައިދޭ އަގަކީ 20 ރުފިޔާ އެވެ.

ބަސްދަތުރަށް ބޭނުން ކުރަމުންދާ ކާޑަށް ފައިސާ އެޅުމުގެ ޚިދުމަތް މިހާރު ލިބެނީ ގްރޭޓާ މާލެ ބަސް ސްޓޭޝަނުންނާއި ހުޅުމާލެއިން އެން 1 ގެ މެއިން ބަސް ސްޓޮޕުންނެވެ.