ޚަބަރު

"މޮނިކޮން" ބިލާ އެކު ކުށުގެ ވެއްޓަށް ބޮޑު އިންގިލާބެއް އަންނާނެ-


އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ކުށްވެރިން މޮނިޓަރ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "މޮނިކޮން" ބިލް ވެގެންދާނީ ރާއްޖޭގެ ކުށުގެ ވެއްޓަށް ގެނެވޭ ވަރަށް ބޮޑު އިންގިލާބަކަށް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މޮނިކޮން ބިލްގެ ސަބަބުން، ކުށްވެރިޔާ މޮނިޓަރކޮށް، އޭނާގެ މައްޗަށް ގާނޫނީގޮތުން ހިންގަންޖެހޭ ބާރު ހިންގުމުގެ ފުރުސަތު ދައުލަތައް ލިބިގެންދާނެކަމަށެވެ.ސަރުކާރުން މިހާރު އެކުލަވާލާފައިވާ މޮނިކޮން ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ޒަމާނުންސުރެ ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ތަފާތު ކުށްކުށުގެ ތުހުމަތުގައި ގެނެވޭ މީހުންގެ ތަޙްޤީޤު ނިންމާ އެމީހުން ދޫކޮށްލުމަށްފަހު، މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައިނެތުންކަމަށެވެ.މިކަމަށް ހައްލެއް ގެނެއުމުގެ ގޮތުން ސަރުކާރުން އެކުލަވާލާފައިވާ މޮނިކޮން ބިލްގެ ސަބަބުން އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް، ކުށްވެރިޔާ މޮނިޓަރކޮށް، ބެލެހެއްޓުމުގެ ޤާނޫނީ ބާރު ފުލުހުންނަށް ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ހޯމް މިނިސްޓަރ ވިދާޅުވީ، ކުށްވެރިން މޮނިޓަރ ކުރުމަށް އެކުލަވާލަމުންދާ ނިޒާމުގެ ދަށުން އެމީހުންގެ ފައިގައި ހަރުކުރެވޭ ޓެގް މެދުވެރިކޮށް، އޭނާ އުޅޭ ތަނެއް ފުލުހުންނަށް އެނގިގެންދާނެކަމަށާއި، ޓެގަށް ގެއްލުމެއްދީ، ޓެގް ނައްޓާލައިފި ނަމަވެސް، ފުލުހުންނަށް އެމައުލޫމާތު ވަގުތުން ލިބިގެންދާނެކަމަށެވެ. އަދި މި ޓެގް މެދުވެރިކޮށް އެއްކުރެވޭ މައުލޫމާތު ކޯޓު މަރުހަލާގައި ހެއްކާއި ޤާރީނާގެ ގޮތުގައި ބޭނުންކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، މި ޓެގް ހަރުކުރުމަށް އިންކާރު ކުރާ ނުވަތަ ޓެގަށް ގެއްލުމެއްދީ ޓެގު ހަލާކުކޮށްލާ ފަރާތްތަކާއި މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރުވެސް ކޯޓުތަކަށް މޮނިކޮން ބިލުގެ ތެރެއިން ލިބިގެންދާނެކަމަށެވެ. އެގޮތުން، މިހާރު ފަރުމާކޮށްފައިވާ މޮނިކޮން ބިލުގައި ވާގޮތުން ޓެގް ހަރުކުރުމަށް އިންކާރު ކުރާ ނުވަތަ ޓެގް ހަލާކުކޮށްލާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް އިތުރު މުއްދަތެއް ހޭދަކުރުމުގެ ބަދަލުގައި، އަށާރަ މަސްދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ ބާރު ކޯޓުތަކަށް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.(ކުއްވެރިންގެ ފައިގައި ހަރުކުރާ ޓެގް- ފޮޓޯ: އެމްބީސީ ނިއުސް)މިނިސްޓަރ އުމަރު ވިދާޅުވީ، މި ބިލް މަޖިލީހަށް ނުފޮނުވާ މަޑުކުރަމުންދަނީ، އިންސާނީ ޙައްޤުތަކާއި، ރާއްޖޭގައި ހެދިފައިވާ މިނިވަންކަމުގެ ޤާނޫނުތަކަށް ފުށުނާރާގޮތަށް، މި ނިޒާމް ޤާއިމުކުރެވޭނެ އެންމެ ފުޅާ ދާއިރާއެއް ބެލުމަށްކަމަށެވެ.އެގޮތުން ބިލުގައި ހިމެނޭ ކަންތައްތަކާއިމެދު ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.ކުށްވެރިން މޮނިޓަރ ކުރުމަށް އެމީހުންގެ ފައިގައި ހަރުކުރެވޭ ޓެގް ވެގެންދާނީ މިޒަމާނުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކުރެވޭ އިލެކްޓްރޯނިކް ޑިވައިސްއަކަށް. ޓެގް އުފައްދާ، އެތަކެތި ސަޕްލައިކުރުމަށް ހުޅުވާލި ފުރުސަތުގައި ދިވެހި ހަތަރު ކުންފުންޏަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިވެއެވެ.