ޚަބަރު

މިފްކޯގެ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފި


މިފްކޯގެ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފިއެވެ.
މި ފައިސާ ފޭރިގަނެފައިވަނީ ބޮޑުތަކުރުފާނުމަގު ވިލާ ކޮލެޖް ކައިރިންނެވެ. ފައިސާ ފޭރިގަނެފައިވަނީ ސައިކަލެއްގައި މޫނު ނިވާކޮށްގެން ދިޔަ ހަތަރުމީހުންގެ ގްރޫޕަކުންކަމަށް މަޢުލޫމާތުލިބެއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ ފޭރިގަތް 2 މިލިއަނަށްވުރެ ގިނަ ރުފިޔާއަކީ ފެލިވަރަށް މަސްވެރިންނަށް ބެހުމަށް ގެންދިޔަ ފައިސާ ކަމަށެވެ.

" ފޭރިގަތް ރުފިޔާގެ އަދަދު 2 މިލިއަނަށްވުރެ ގިނަވާނެ. އެއީ ފެލިވަރަށް މަސް ކިރުވި ފަރާތްތަކަށް ދޭންޖެހޭ ފައިސާ." މިފްކޯގެ އޮފިޝަލް ވިދާޅުވިއެވެ. އެފައިސާ ހިފައިގެން ދިޔައީ މިފްކޯގެ ވޭނުގައި ކަމަށާއި، ފައިސާ ފޭރިގަނެފައިވަނީ ސައިކަލެއްގައި އައި ބަޔަކު ވޭނުގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މިހާރުވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިއަދު ހަވީރު 15:15 ހައިއިރު މިމައްސަލަ ހުށަހަޅާފައިވެއެވެ. އަދި މިމައްސަލަ މިހާރު ތަހްޤިޤު ކުރައްވަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.