އިންގްލޭންޑްގެ ޓީމަށް އިތުރުވަމުންދާ ޒުވާން ކުޅުންތެރިންނަކީ، އިންގްލޭންޑުން ކުރިމަގަށް ކުޅުންތެރިން އުފައްދާ ކަމުގެ ހެއްކެއް ކަމަށާއި، އެއީ ލިބޭ ހިތްހަމަޖެހުމެއްކަމަށް އިންގްލޭންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ. 
ކޭން ބުނީ ޒުވާން ކުޅުންތެރިންނަކީ ޖެހިލުމެއްނެތި އެމީހުންގެ ހުނަރު ދައްކާ ބައެއްގެ އިތުރުން ގައުމީ ޓީމްގައި ހިމެނުމަށް ވާދަވެރިކަން ބޮޑު ބައެއް ކަމަށާއި، އިންގްލޭންޑްގެ ގައުމީ ޓީމަށް ބޭނުންވަނީ މިކަހަލަ ރޫހެއްގެ ބައެއްކަމަށެވެ. އަދި މިފަދަ ކުޅުންތެރިން ގިނަވި ވަރަކަށް ޓީމްގެ ފްލެކްސިބްލިޓީ ވަރުގަދަވާނެކަންވެސް ކޭން ފާހަގަކުރިއެވެ. 
ކޭން ބުނީ ޒުވާން ކުޅުންތެރިންނަށް ދޭން އޮތް ނަސޭހަތަކީ ގައުމީ ފެންވަރުގައާއި ކްލަބް ފެންވަރުގައިވެސް ދިމާވާ ދަތި ހާލަތްތަކުގައި ހިތްވަރާއެކީ މަސައްކަތް ކުރުންކަމަށެވެ. ހަމައެއާއެކު މީހުން ދައްކާ ވާހަކައަށް ސަމާލުކަން ނުދީ އަބަދުވެސް އިތުރަށް ހުނަރު މޮޅުކުރަން މަސައްކަތް ކުރުން ކަމަށެވެ. 
ޔޫރޯ ކޮލިފައިން މެޗްތަކާ އިންގްލޭންޑްގެ ޓީމުން ކުރިމަތިލާއިރު، ޓީމްގައި ވެސްޓްހަމް ޔުނައިޓެޑްގެ 20 އަހަރުގެ ޑެކްލަން ރައިސް އަދި ޗެލްސީއަށް ކުޅޭ  އެންމެ 18 އަހަރުގެ ކެލަމް ހަޑްސަން ހިމެނެއެވެ. 2020 ގެ ޔޫރޯ ކޮލިފައިންގައި އިންގްލޭންޑް ހުކުރު ދުވަހު ނުކުންނާނީ ޝެކް ރިޕަބްލިކާ ދެކޮޅަށެވެ.