ޚަބަރު

ފައިނަލް މެޗް ހޫނުވެ، ހަމަނުޖެހުން އުފެދުމުން މެދުކަނޑާލައިފި


ހުރާ ކައުންސިލް ކަޕްގެ ފައިނަލް މެޗްގައި ހަމަނުޖެހުން އުފެދުމުން، ރެފްރީ މަސްލަހަތަށްޓަކައި މެޗް މެދުކަނޑާލައިފިއެވެ.

ފައިނަލްގައި ސަޓަޑޭ ސޫޕާއި ތްރީ ޑީ ވާދަކުރި މެޗް މެދުކަނޑާލީ ދެވަނަ ހާފްގެ ސާދަ މިނެޓް ކުޅުނުފަހުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ސަޓަޑޭ ސޫޕްގެ ޔަސްފާދު ހަބީބުވަނީ ލަނޑެއް ޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފްގައި މުހައްމަދު ނާއިމް ވަނީ ތްރީޑީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗްގައި ހަމަނުޖެހުން އުފެދުނީ ސަޓަޑޭ ސޫޕުން ދެވަނަފަހަރަށް ލީޑް ނެގި ހިސާބުންނެވެ. ސަޓަޑޭ ސޫޕްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ކުޅުން މެދު ކަނޑާލުމަށްފަހު ޕްލޭ އޮން ދެއްކިވަގުތު، ސަޓަޑޭ ސޫޕްގެ އިސްމާއިލް އީސާ (މެސީ) ވަނީ އެމީހުންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
އެވަގުތު ތްރީޑީގެ ކުޅުންތެރިން ތިބީ ބޯޅައަށް ސަމާލުނުވެ ހުއްޓިގެންނެވެ. ރެފްރީ އެއީ ލަނޑެއްކަމަށް ބެލުމުން މެޗް ހޫނުވެ، މެޗު ބަލަން ތިބި ސަޕޯޓަރުންވެސް ހިތްހަމަނުޖެހުން ފާޅުކުރަން ފެށިއެވެ.
މެޗް ކުރިއަށް ނުގެންދެވި ގިނައިރު ވާންފެށުމުން ރެފްރީ ވަނީ މަސްލަހަތު އެހާ ގޯސްވެފައިވާ ދަނޑިވަޅެއްގައި މެޗް ކުރިއަށް ގެންދިޔުމަށް ދެކޮޅުހަދާ، މެޗް މެދުކަނޑާލާފައެވެ.

މެޗް މެދުކަނޑާލިއިރު ލީޑްގައި އޮތް ސަޓަޑޭ ސޫޕްގެ ކޯޗް ޖިނާން ހަމީދު ބުނީ، މެޗްގައި ކަންހިންގާ ދިޔަގޮތުގައި ހުރާ ކައުންސިލާއި ރެފްރީންގެ އިހުމާލު އެބައޮތްކަމަށާއި، މައްސަލަ ހައްލުވާން އޮތް ހަމައެކަނި ގޮތަކީ ތްރީ ޑީއަށް ތަށި ދިނުން ކަމަށެވެ. އަދި އެއީ ހުރާ ކައުންސިލުންވެސް ބޭނުންވާ ގޮތް ކަމަށާއި، މުބާރާތުގައި ކަން މިހާތަނަށް ހިނގައި ދިޔަ ގޮތުން އެކަން ފެންނަ ކަމަށެވެ.
ހާއްސަކޮށް އޭދަފުށިން މުބާރާތަށް ހާއްސަކޮށް ޓީމެއް އެކުލަވާލާ، ބޮޑު ހަރަދުކޮށް ކުޅުންތެރިން ތައްޔާރުކޮށް ނެރުމުން، ހުރާ ކައުންސިލުން ވަކި ޓީމަކަށް ފަސޭހަ ވާނެހެން މެޗްތައް ޝެޑިއުލް ކޮށްފައިވާކަން ޖިނާން ފާހަގަކުރިއެވެ. އަދި މި މައްސަލަތައް އެފްއޭއެމަށް ހުށަހަޅާނެ ކަމަށްވެސް ޖިނާން ބުންޏެވެ.

ރެފްރީ ކަށިގަނޑު ގޮއްވާފަ ރެފްރީ ލަނޑެއް ކަމަށް ނިންމާފަ އޮތް ގޯލެއް، ދެން އެ މީހުން ހަޅުތާލު ކުރިއެކޭ ކިޔާފަ ރެފްރީއަށް މެޗް ކޮންްރޯލް ނުވުމަކީ ރެފްރީންވެސް ފެއިލް ވުން، ކައުންސިލްވެސް ފެއިލްވުން މި މުބާރާތް ކޮންޓިނިއު ކުރާކަށް އަޅުގަނޑުމެން ނުވެސް ވިސްނަން. ހަމަ އެމީހުން ރަށުން ތަށި ގެންގޮސްދާނެތީ އަސްލު ކުރި ކަމެއް މިއީ، ވަރަށް ބޮޑަށް ކުށްވެރިކުރަން. ދެން މީތި އަޅުގަނޑުމެން ހުށަހަޅާނީ އެފްއޭއެމަށް" ސަޓަޑޭ ސޫޕް ކޯޗް ބުންޏެވެ.

ތްރީޑީގެ ކޯޗް ބުނީ ދެވަނަ ހާފް ފެށިގެން ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ އެ ޓީމުން ކަމަށް. އަދި ގޯލެއް ޖެހުނު ވަގުތު ރެފްރީ ނާއިންސާފުން ސަޓަޑޭ ސޫޕަށް ގޯލެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ތަންދޮރު ނުފިލާ ރެފްރީން ފޮނުވުމުން ކަންވާނީ އެހެން ކަމަށެވެ. އަދި ތްރީޑީއިން ތިބީ މެޗް ކުރިއަށް ގެންދާގޮތަށް ކަމަށާއި ނަމަވެސް ރެފްރީ ޖެހިލުންވެފައި ހުރުމުން އެގޮތަށް އެއްބަސް ނުވީކަމަށްވެސް ކޯޗް ބުންޏެވެ.

"މައްސަލައަކީ މިކަހަލަ މުބާރާތްތަކަށް އަންނައިރު ތަންދޮރު ނުދަންނަ ރެފްރީން ގެންނާތީ. އަޅުގަނޑުމެން މުޅި ފަހުހާފް ކުޅެމުން އެ އަންނަނީ، އެއީ އެމީހުންނަށް ލިބުނު ޗާންސަކީ" ތްރީޑީގެ ކޯޗް ބުންޏެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނީ ފައިނަލް މެޗު އިތުރަށް ކުރިޔަށް ގެންދިޔުމާމެދު މަޝްވަރާ ކުރުމަށްފަހު މިއަދު ކައުންސިލުން ގޮތެއް ނިންމާނެ ކަމަށެވެ.