ޚަބަރު

އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ކޮންމެ ރަށެއްގައި ލެވެލް 1 ގެ ކޯޗެއް ހުންނާނެ - މުޙައްމަދު ލަތީފް



އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ކޮންމެ ރަށަކަށް، އެފްއައިވީބީ ލެވެލް 1 ގެ ކޯޗެއް ތަމްރީން ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރަޢީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް ވިދާޅުވީ، ކޮންމެ ރަށެއްގައި އެފްއައިވީބީ ލެވެލް ވަންގެ ކޯޗެއް ތަމްރީން ކުރުމަކީ ރަޢީސްކަމަށް އިންތިޚާބުވީއިރުގައި ވެފައިވާ ވަޢުދެއް ކަމަށާއި، އެމަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށެވެ. އެގޮތުން ނިމިދިޔަ އެފްއައިވީބީ ލެވެލް ވަންގެ ކޯޗިން ކޯހަކި އެ މަޝްރޫޢުގެ ދަށުން ހިންގި ކާމިޔާބު ޕްރޮގުރާމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ އަތޮޅު ތެރޭގައި ވޮލީ ތަރައްގީ ކުރުމަކީ ފެށުނީއްސުރެ އެސޯސިއޭޝަނުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުން އެމަސައްކަތަށްވެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ.

"ދެހާސް ވިހި ވަނަ އަހަރުގެ ސެޕްޓެމްބަރަށް ދާއިރު ކޮންމެ ރަށެއްގައި ހުންނާނެ އެފްއައިވީބީ ލެވެލް ވަންގެ ކޯޗެއް، އަޅުގަނޑުމެން އެދެނީ ސެޓިފިކެޓް ހާސިލްކުރާ ކޯޗުންވެސް، އަޅުގަނޑުމެންގެ ޕްރޮގުރާމް ތަކުގައި ބައިވެރި ވެގެން އިތުރަށް ކުރައިށް ދިއުމަށް." ލަތީފް ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ފާއިތުވި އަހަރުވެސް ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންގޮސްފައެވެ.