ޚަބަރު

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ފުރަތަމަ މެޗު ސީ.އެޗް.އެސް.ސީ އިން ކާމިޔާބުކޮށްފި


އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ އެންމެ ފަހުގެ ޗެމްޕިއަން އަހުމަދީއްޔާ ބަލިކޮށް ސީ.އެޗް.އެސް.އީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ސީ.އެޗް.އެސް.އީން މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ތިނެއް ސުމަކުން އަހުމަދީއްޔާގެ މައްޗަށް ކުރި ހޯދާއިގެންނެވެ. މި މެޗުގައި ސީއެޗްއެސްއީއަށް ލީޑު ނަގައިދިން ލަނޑު މެޗުގެ ފަންސަވީސް ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މުހައްމަދު މާއިޝް މައުސޫމް އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ.

ނަމަވެސް ދެވަނަ ހާފުގައި ސީއެޗްއެސްއީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ރަގަޅުކޮށް ދެ ލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި ސީއެޗްއެސްއީގެ ދެވަނަ ލަނޑު އެ ސްކޫލަށް ޖަހައިދިނީ އަހުމަދު ޒަޔާން އިޝާގެވެ. އަދި ތިން ވަނަ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި މުހައްމަދު މާއިޝް މައުސޫމް އެވެ.

އަށާރަ އަހަރުން ދަށުގެ ބައިގެ ދެވަނަ މެޗުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ރެހެންދި ސްކޫލެވެ. އަދި މީގެ އިތުރުން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފަނަރަ އަހަރުން ދަށުގެ ކެޓަގަރީގެ ފައިނަލް މެޗުވެސް މިރޭ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މެޗުގައި ބައްދަލުކުރާނީ އިމާދުއްދީން ސްކޫލާއި ހިރިޔާ ސްކޫލެވެ.