ޚަބަރު

މުޖޭ މާޒިޔާގައި މަޑުކުރަން ނިންމައިފި



ގައުމީ ޓީމްގެ ޑިފެންޓަރު މުޖްތަބާ މުހައްމަދު (މުޖޭ) ކުރިއަށް ތިން އަހަރުވެސް މާޒިޔާގައި މަޑުކުރަން ނިންމައިފިއެވެ.

މިދިޔަ އަހަރު މާޒިޔާއާއި ގުޅުނު އިތުބާރު ޑިފެންޓަރ މުޖްތަބާ މުހައްމަދުއަކީ މާޒިޔާގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ގައުމީ ޓީމުގެ މިހާރުގެ ކޯޗް ފީޓަރ ސެގާޓްގެ އިރުޝާދުގެ ދަށުން މުޖްތަބާ އަންނަނީ ގައުމީ ޓީމްގެ ފުރަތަމަ އެގާރައިގައި ބަރާބަރަށް ޖާގަ ހޯދަމުންނެވެ.

މުޖޭ ގައުމީ ޓީމްއަށް އެންމެ ފުރަތަމަ ކުޅެފައިވަނީ 2015ވަނަ އަހަރުއެވެ. އެއީ އިޗިއޮންގައި އޮތް އޭޝިއަން ގޭމްސްގަ ގައުމީ 23 އަހަރުން ދަށުގެ ޓީމްއާއެކުއެވެ.

ކުލަބް ވެލެންސިޔާއިން ކެރިއަރުފެށި މުޖޭ ވެލެންސިޔާއަށް ކުޅުމަށްފަހު ބަދަލްވީ ކުލަބް އީގަލްސްއަށެވެ. ކުލަބް އީގަލްސްގައި މުޖޭވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އެއަށްފަހު މާޒިޔާއަށް ބަދަލް ވުމަށްފަހުވެސް މުޖޭވަނީ މާޒިޔާގައި މޮޅު ކުޅުމެއްދައްކާފައެވެ. ޑިފެންސްއާއި އެއްވަރަށް މުޖޭއަކީ އެޓޭކްގައިވެސް ބައިވެރިވާ ކުޅުންތެރިއެކެވެ.