ވިޔަފާރި

ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް މަރކެޓިންގ ސެމިނަރތަކެއް ފަށައިފި


ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް މާރކެޓްކޮށް، ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މައުލޫމާތުދިނުމުގެ ސެމިނަރތަކެއް އެމް.އެމް.ޕީ.އާރު.ސީން ފަށައިފިއެވެ.

ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީއާއި މޯލްޑިވްސް ގެޓަވޭސް އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މި ސެމިނަރގެ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އއ. ރަސްދޫގައި. ރަސްދޫގައި ބޭއްވި ސެމިނަރގައި ބާރަ ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ދެވަނަ ސެޝަން މިއަދު އއ. އުކުޅަހުގައި ކުރިއަށްދާއިރު، މިމަހުގެ ތޭވީހުން އަންނަ މަހުގެ ތޭވީހަށް އެކި ރަށްރަށުގައި މަރކެޓިންގ ސެމިނަރ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އދ. ދިގުރަށް، ވ. ތިނަދޫ، ބ. ދަރަވަންދޫ، ހުޅުމާލެ، ހދ. ހަނިމާދޫ، އައްޑޫ ސިޓީ، ލާމު އަަތޮޅު، ގދ. ތިނަދޫ އަދި ކ. މާފުށީގައި މި ސެމިނަރ ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.