ވިޔަފާރި

މަސީގެ ރައީސްކަމަށް ޖަނާހް އިންތިޚާބްކޮށްފި


މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފިއެވެ.

މީގެކުރިންވެސް މަސީގެ ރައީސްކަންކޮށްފައިވާ ޖަނާހް، މަސީގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ ރޭ ބޭއްވި މަސީގެ 17 ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ހޮޓެލް ޖެންގައި ބޭއްވި މަސީގެ އަހަރީ އާއްމު ޖަލްސާގައި އެ އެސޯސިއޭޝަންގެ 34 މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުމުގެ އިތުރުން ކުރިއަށްއޮތް 2 އަހަރަށް މަސީގެ ހިންގާ ކޮމިޓީއަށް މެންބަރުން ވަނީ ހޮވާފައެވެ. 2019 ވަނަ އަހަރަށް މަސީގެ ބަޖެޓްގެ ގޮތުގައި 1 މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ވަނީ ފާސްކޮށްފައެވެ.

މަސީގެ ރައީސްގެ މަގާމަށް ޖަނާހް އިންތިޚާބްކޮށްފައިވާއިރު މިއީ ޖަނާހް މަސީގެ ރައީސްއަކަށް އިންތިހާބުކުރި 7 ވަނަ ފަހަރެވެ. ކުރިއަށްއޮތް 2 އަހަރަށް މަސީގެ ނައިބް ރައީސުންނަށް ހޮވާފައިވަނީ އަލާއު އަލީ އާއި އަބްދުﷲ ޞާހިހްއެވެ. މީގެ އިތުރުން ސެކްރެޓަރީ ޖެނެރަލްއާއި، ހަޒާންދާރާއި، ހަޒާންދާރުގެ އެހީތެރިޔާގެ އިތުރުން މަސީގެ ބޯޑު މެންބަރުންނަށް 15 ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތަކަށް ޙާއްސަ ހަނދާނީ ފިލައެއް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރު މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީގެން މިއަހަރު މި ހަނދާނީ ފިލާ އަރުވާފައިވަނީ ކުރިއަށްއޮތް 2 އަހަރަށް މަސީގެ ރައީސަކަށް ހޮވާފައިވާ މުޙައްމަދު ޖަނާހް އަލީއަށެވެ.

މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމަނައިގެން މި ދާއިރާ ކުރިއެރުވުމަށް އުފައްދާފައިވާ ޖަމުއިއްޔާއެކެވެ. މަސީ އުފެދިގެންއައީ 2001 ވަނަ އަހަރުއެވެ.