ޚަބަރު

ވޯޓަރސް ލިސްޓުގައި ހުރި އިދާރީ ކަންކަމަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ހުރި އިދާރީ ކަންކަމަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަދި އެ ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ފައިނަލް ވޯޓަރސް ލިސްޓުގައި ހުރި އިދާރީ ކަންކަމަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3 ޖެހުމާ ހަމައަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ޝަކުވާތައް ބަލައިގަންނަނީ ބައު ޖަމާލުއްދީން ސްކޫލުގައި ޤާއިމުކޮށްފައިވާ އިންތިޚާބީ މަރުކަޒަށްކަމަށާއި، މި މުއްދަތުގެ ތެރޭގައި ބަލައިގަންނަނީ ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެންތަނެއްގެ ނަން އޮތުން ފަދަ އިދާރީ މައްސަލަތައް އެކަނިކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރު ހާސް ފަސް ސަތޭކަ އަށްޑިހަ ނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވެއެވެ. އަދި މުޅިން އަލަށް ދެ ހާސް ތިން ސަތޭކަ ތިރީސް ހަ މީހުންނަށް މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓަރސް ލިސްޓް އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާ ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ.